ސްޕެއިންގެ ގަދަ ބާރު، ރެއާލް މެޑްރިޑާ ދެކޮޅަށް ޕީއެސްޖީ މިރޭ ނުކުންނަ އިރު ޓީމުގެ ތަރި ނޭމާ ނެތްތަން ނުދައްކާނެ ކަމަށާއި އޭނާ ނެތްތަން ފޫބައްދަން އެންހާލް ޑިމާރިއާ ހުރީ ތައްޔާރަށް ކަމަށް ޕީއެސްޖީގެ ކޯޗު، އުނައި އެމްރޭ ބުނެފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި މިރޭ ޕީއެސްޖީ އާއި ރެއާލް ނުކުންނަ އިރު، ފުރަތަމަ ލެގު ރެއާލްއިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ.

ޕީއެސްޖީގެ ދަނޑުގައި މިރޭ އޮންނަ ދެވަނަ ލެގުގައި ޕީއެސްޖީގެ ބްރެޒިލްގެ ތަރި ނޭމާ އަނިޔާގެ ސަބަބުން ނުކުޅޭނެ އެވެ.

ނިމިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ފްރެންޗް ލީގުގައި ޕީއެސްޖީ އިން މާސޭއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާގެ ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ ވަނީ މީގެ ދެ ދުވަސް ކުރިން ސާޖަރީ ހަދައިފަ އެވެ. ސާޖަރީ ހެދި ބްރެޒިލްގެ ޓީމު ޑޮކްޓަރު، ރޮޑްރީގޯ ލާސްމާ ބުނެފައި ވަނީ ނޭމާގެ ރިކަވަރީއަށް ތިން މަސް ބޭނުންވާ ކަމަށެވެ.

"އެއް ކުޅުންތެރިއަކަށް ފުރުސަތު ގެއްލޭ ހިސާބުން އަނެއް ކުޅުންތެރިއަކަށް ފުރުސަތު ހުޅުވޭނެ. ޕީއެސްޖީން މިރޭގެ މެޗަށް ނުކުންނަ 11ގައި ކޮންމެ ކުޅުންތެރިއަކު ހުއްޓަސް އެ ކުޅުންތެރިން ނުކުންނާނީ ރެއާލް ބަލިކުރަން،" އެމްރޭ ބުންޏެވެ.

އެމްރޭ ބުނީ ނޭމާ ނެތްތަން ފޫބައްދަން ޑީމަރިއާ ހުރީ ތައްޔާރަށް ކަމަށާއި އޭނާއަކީ ދުނިޔޭގެ އެންމެ މަތީ ފަންތީ ފުޓުބޯޅައަށް އާ ކުޅުންތެރިއެއް ނޫން ކަމަށެވެ.

"ޑިމާރިއާ ހުރީ ތައްޔާރަށް. ޗެމްޕިއަންސް ލީގު ފުޓުބޯޅައިގެ އިތުރުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފުޓުބޯޅައަށް ޑިމާރިއާ އަލެއް ނުވާނެ. މިރޭގެ މެޗުގައި ފެންވަރު ދައްކާލަން އޭނާ ހުރީ ކެތްމަދުވެފައި،" ޑިމާރިއާ ހުރި ފޯމާ ގުޅިގެން އެމްރޭ ބުންޏެވެ.

އުނައި އެމްރޭ ބުނީ ނޭމާ ފުޓުބޯޅައާ ދުރަށް ޖެހިލުމަކީ މުޅި ދުނިޔެއަށް ވެސް އެކަން ބަލައިގަންނަން ދަތި ކަމެއް ކަމަށާއި އުންމީދަކީ ޕީއެސްޖީގެ ސަޕޯޓަރުން އެކުވެ، އެކީ އެކައްޗަކަށް ރެއާލް ބަލިކުރުން ކަމަށެވެ. ނޭމާ ނޫން އެހެން ހުރިހާ ކުޅުންތެރިން ވެސް މިރޭގެ މެޗަށް ފިޓް ކަމަށް ޕީއެސްޖީގެ ކޯޗު އެމްރޭ ވަނީ ބުނެފަ އެވެ.

ޕީއެސްޖީ އާއި ރެއާލް ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12:45 ގަ އެވެ.