އޮސްކާ އެވޯޑު ހާސިލްކުރި ފުރަތަމަ ކުޅިވަރު ޝަހުސިއްޔަތަކަށް ބާސްކެޓް ލެޖެންޑް ކޯބީ ބްރަޔަންޓް ވެއްޖެއެވެ.

ހަ ފަހަރަށް އެމްބީއޭ ޗެމްޕިއަންޝިޕް ހޯދައިފައިވާ ކޯބީއަށް އޮސްކާ އެވޯޑު ލިބިފައިވަނީ އެންމެ މޮޅު އެނިމޭޓެޑް ކުރު ފިލްމް ކެޓަގަރީންނެވެ. ކޯބީއަށް އޮސްކާ އެވޯޑް ލިބިފައިވަނީ 2015 ވަނަ އަހަރު އޭނާ ލިޔެފައިވާ ޕޮޔަމްއެއްގެ މައްޗަށް ޑައިރެކްޓާ ގްލެން ކީން ތައްޔާރުކޮށްފައިވާ ކުރު ފިލްމަކަށެވެ. ބާސްކެޓް ބޯޅައަށް ކޯބީ ދޭ ލޯތްބާ ގުޅޭ ގޮތުން އޭނާ ލިޔެފައިވާ ޕޮޔަމްއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ކުރު ފިލްމްގެ ނަމަކީ "ޑިއާ ބާސްކެޓް" އެވެ.

އުމުރުން 39 އަހަރުގެ ކޯބީ ބާސްކެޓުން ރިޓަޔާކުރީ 2016 ވަނަ އަހަރުއެވެ. އޭނާ ބާސްކެޓްގައި ހޭދަކުރި 20 އަހަރުވެސް ހޭދަކޮށްފައިވަނީ އެލްއޭ ލޭކާސްގައެވެ. ކޯބީ ކުޅުން ހުއްޓާލުމާއެކު ލޭކާސްއިންވަނީ އޭނާ ކުޅުނު ދެ ޖާޒީ ނަންބަރުވެސް ރިޓަޔާކުރަން ނިންމައިފައެވެ.

ލޮސް އޭންޖަލަސްގައި އިއްޔެ ކުރިއަށްދިޔަ އޮސްކާ އެވޯޑްސް ހަފްލާގައި އެވޯޑު ހާސިލް ކުރުމަށްފަހު ކޯބީ ބުނެފައިވަނީ އާއްމުކޮށް ބާސްކެޓް ކުޅުންތެރިންނަށް އޮންނަ އުސޫލަކީ އެއްވެސް ބަހެއް ނުބުނު ހަމައެކަނި ކެރިއަރުގައި ކުރިއަށް ދިޔުން ނަމަވެސް އޭގެ އިތުރުން ކަމެއް ކުރެވުނީތީ ހިތްހަމަ ޖެހޭ ކަމަށެވެ.

އެމެރިކާގެ ބާސްކެޓް ލީގުގައި ހިމެނޭ ދެ ކުޅުންތެރިން ކަމަށްވާ ކެވިން ޑުރާންޓާއި ލެބްރަން ޖޭމްސް މިއަހަރުގެ ތެރޭގައި އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ސިޔާސީ ގޮތުން އަޑު އުފުލުމުން އެކަމަށްވަނީ ބައެއް ފަރާތްތަކުން ފަޑު ކިޔާފައެވެ. ރޭގެ އެވޯޑް ހަފްލާގައި ކޯބީވަނީ ބާސްކެޓް ކުޅުންތެރިންގެ ހިޔާލު ފާޅު ކުރުމަށް ހިތްވަރު ދެއްވާފައެވެ.

ކޯބީއަކީ އެލް އޭ ލޭކާސްގެ ތާރީހުގައިވެސް އެޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދީފައިވާ ކުޅުންތެރިޔާއެވެ.