ބަންގްލަދޭޝްގެ ކްލަބުތަކާއި ގައުމީ ޓީމުވެސް ދިވެހި ކްލަބުތަކާއި ގައުމީ ޓީމުގެ އަތްދަށުވަނީ ގޯލް ޖަހަން ލިބޭ ފުރުސަތުތައް ނިންމާނުލެވޭތީ ކަމަށް ޑާކާ އަބަހާނީގެ ކޯޗު، ސައިފުލް ބާރީ ޓީޓޫ ބުނެފިއެވެ.

މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް އީގައި ނިއުރޭޑިންޓް ސްޕޯޓްސް ކްލަބުގެ އިތުރުން އިންޑިއާގެ ބެންގަލޫރު އެފްސީއާއި އައިޒައުލް އެފްސީއާއެކު ދެން ވާދަކުރާނީ ހަ ފަހަރު ބަންގާޅު ލީގު ކާމިޔާބުކޮށްފައިވާ ޑާކާ އަބަހާނީއެވެ.

މިއީ އޭއެފްސީ ކަޕުގައި ޑާކާ އަބަހާނީ ވާދަކުރާ ދެވަނަ އަހަރެވެ. މިދިޔަ އަހަރު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު ދެ މެޗުންވެސް ޑާކާ އަބަހާނީވަނީ ބަލިވެފައެވެ.

މިދިޔަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖްގައި ރާއްޖޭގެ މާޒިޔާ އާއި ބަނގްލަދޭޝްގެ ދާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިއަހަރުގެ އޭއެފްސީ ކަޕްގެ ޕްލިމިނަރީ ބުރުގައި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ބަންގާޅުގެ ސައިފް އެސްސީ ވާދަކުރި ދެ މެޗުވެސް ކާމިޔާބުކުރީ ޓީސީންނެވެ.

"މުޅި މެޗުގެ ނަތީޖާ ބަރޯސާވާނީ ފޯވަޑުންގެ ކުޅުމަށް. ފޯވަޑުން ގޯލް ޖަހައިގެން ނޫނީ ނަތީޖާ ނެރެން އުނދަގޫވާނެ. ޓީސީއާއި ސައިފް ވާދަކުރި މެޗުގައިވެސް ލިބުނު ފުރުސަތުތައް ބޭކާރުވީމަ ސައިފް ބަލިވީ. ގައުމީ ޓީމު ނޫނީ ކްލަބުތަކުގެ ކުރިމަތިލުންތަކުގައިވެސް ދިވެހި ރާއްޖޭގެ އަތްދަށުވަނީ އެހެންވެ،" ޓީޓޫ ބުންޏެވެ.

ޓީޓޫ ބުނެފައިވަނީ ޑާކާ އަބަހާނީ އޮތީ މިފަހަރުގެ އޭއެފްސީ ކަޕަށް ކުރީ އަހަރަށްވުރެ ބޮޑަށް ތައްޔާރުވެފައި ކަމަށާއި ހާއްސަކޮށް ޓީމު އޮތީ ވަރަށް ބެލެންސްކޮށް ކަމަށެވެ.

"ޓީމުގައި ރަނގަޅު ލޯކަލް ކުޅުންތެރިންތަކެއް އެބަތިބި. އޭގެ ތެރެއަށް ބިދޭސީ ހަތަރު ކުޅުންތެރިން އިތުރުވެގެންދިޔައިމަ ޓީމު ވަރަށް ރަނގަޅަށް ބެލެންސް ވެއްޖެ. ޓީމުގައި ތިބި ލޯކަލް ކުޅުންތެރިންނަކީ އާއްމުކޮށް ވަރަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދޭ ކުޅުންތެރިންތަކެއް. ނަތީޖާ ނެރެވޭނީ ކުރިއަށް ކުޅޭ ބިދޭސީ ކުޅުންތެރިން އެ ފުރުސަތުތައް ނިންމައިގެން،" ޓީޓޫ ބުންޏެވެ.

އޭއެފްސީ ކަޕްގައި ނިއުރޭޑިއަންޓާ ދެކޮޅަށް މާދަމާ ނުކުންނައިރު ޑާކާ އަބަހާނީން އެންމެ ބޮޑަށް ބަރޯސާވާނެ ދެ ކުޅުންތެރިއަކީ ނައިޖީރިއާގެ ދެ ފޯވަޑް އެމެކާ ޑާލިންގްޓަނާއި ސަންޑޭ ޗިޒޯބާއެވެ. އެ ދެ ކުޅުންތެރިންވަނީ މިދިޔަ ސީޒަންގައި ޖުމްލަ 16 ގޯލް ޖަހައިފައެވެ.

މާދަމާގެ މެޗުގައި ޑާކާ އަބަހާނީގެ ބިދޭސީ ހަތަރު ކުޅުންތެރިންވެސް ފެންނާނެ ކަމަށް ބެލެވޭއިރު، ނައިޖީރިއާ ފޯވަޑް އެމެކާ އެންމެ ފިޓް ނޫން ކަމަށްވެސް ކޯޗު، ޓީޓޫވަނީ ބުނެފައެވެ. އަދި މިދިޔަ ސީޒަންގައި އަބަހާނީ ޓީމުގެ މެދުތެރެއިން މޮޅު ކުޅުމެއް ދެއްކި ބަންގާޅު ގައުމީ ޓީމުގެ ކުޅުންތެރިޔާ އެމޯން ބާބޫވެސް މާދަމާގެ މެޗުގައި އަނިޔާގެ ސަބަބުން ނުކުޅޭނެއެވެ.

މިދިޔަ އަހަރު އޭއެފްސީ ކަޕްގެ 'ގްރޫޕް އީ'ގައި މާޒިޔާއާއި އަބަހާނީ ބައްދަލުކުރާ މެޗުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގައި ނިއުއިން ޑާކާ އަބަހާނީއާ ދެކޮޅަށް ނުކުންނަ މެޗު އޮންނާނީ ރާއްޖެ ގަޑިން މާދަމާ 3:15 ގައެވެ. އަބަހާނީގެ ދަންމޮންޑީ ސްޓޭޑިއަމްގައި ކުޅޭ އެ މެޗަށް ނިއުއިން ނުކުންނައިރު، އަފްޣާން ޑިފެންޑަރު ހާރޫން އަމީރީއަށް އަނިޔާވެ އޭނާއަށް ނުކުޅެވިދާނެ ކަމަށް ނިއުގެ ކޯޗު އޮސްކޯ ބުރުޒޮންވަނީ ބުނެފައެވެ. އަމީރީއަށް އަނިޔާވެފައިވަނީ މިދިޔަ ހަފްތާގައި އެސްޓީއޯ މާލޭ ލީގުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.