23 Aug 2011, 15:23
މާރާމާރީ ހިންގިއަސް، ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކާ ބެހޭ ގޮތުން މަޖިލީހުގެ ތަޅުމުގައި، ވާހަކަ ދެއްކުމުގެ ފުރުސަތު ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދަށް ދެން ނުދެއްވާނެ ކަމަށް ވިދާޅުވެ މޫސަ އިންޒާރު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާގައި، ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ސަރުކާރުން ގިނަ ކަންތައްތަކެއް މޫސާ މަނިކަށް ކޮށްދެއްވާފައިވާކަން ފާހަގަ ކުރައްވައި ރިޔާޒު ރަޝީދު ދެއްކެވި ވާހަކައަށް ރައްދު ދެއްވުމަށް ނިޒާމީ މައްސަލައެއް ނަންގަވައި އަޑުގަދަ ކުރައްވަމުން މޫސަ ވިދާޅުވީ، ރިޔާޒު ރަޝީދު ހައްގުން ކަމަކާ ނުލައި، އޭނަ އާއި އޭނަގެ އާއިލާއާ ބެހެމުންދާތާ މަސް ދުވަސް ވެފައިވާ ކަމަށެވެ. ނަމަވެސް ދެން ކޮޅަށް ތެދުވެވަޑައިގެން އެގޮތަށް ވާހަކަ ދެއްކުމުގެ ފުރުސަތު ރިޔާޒަށް ނުދެއްވާނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
"ގާނޫނު އަސާސީގެ 33 ވަނަ މާއްދާ ވަރަށް ރަނގަޅަށް ބުނޭ އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިވެފައި އޮތުމުގެ ހައްގު ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ކަމަށް. މިހާރު އެއް މަސް ދުވަސް މިވަނީ ވިލުފުށީ ދާއިރާގެ މެންބަރު އަޅުގަނޑާއި އަޅުގަނޑުގެ އާއިލާއާ އެއްވެސް ހައްގުން ކަމަކާ ނުލައި މި މަޖިލީހުގައި ބެހެމުންދާތާ. މަޖިލީހުގެ ވާހަކަ ދެއްކުމުގެ އުސޫލެއް ނޫން އެއީއަކީ. މިގޮތަށް މިކަން ކުރަންޏާ އެ ގޮނޑިއަށް ތެދުވެ، ވާހަކަ ދެއްކުމުގެ ފުރުސަތެއްދެން ނުދޭނަން. މާރާމާރީ ހިންގަންޏާ ހިންގަންވީ،" މޫސަ ވިދާޅުވި އެވެ.
މޫސަ ނެންގެވި ނިޒާމީ މައްސަލައާ ގުޅިގެން، މޫސަ އާއި ރިޔާޒާ ދެމެދު މައްސަލަ ހޫނުވެ މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު އެ މެންބަރުންނަށް އެންގެވި އެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒު ރަޝީދު ވިދާޅުވީ، ޓްރާންސްޕޭރެންޓްކޮށް ކަންތައްތައް ކުރަމުންގެންދާ ކަމަށް މިއަދުގެ ސަރުކާރުން ބުނާ އިރު، އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކާއި ސަރުކާރު ނެހެއްޓުމަށް އިންވެސްޓުކުރާ ފަރާތްތަކަށް ސަރުކާރުން ކަންކަން ފަހިކޮށްދޭ ކަމަށެވެ. އެގޮތުން މަޖިލީހުން ރުހުންދިންތާ މާގިނަ ދުވަސްތަކެއްނުވެ، ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ އަމިއްލަ ފުޅަށް ޓޫރިޒަމްގެ މަސައްކަތަށް ދެ ފަޅުރަށެއް ނަންގަވާފައިވާ ކަމަށާއި، މޫސާ މަނިކަށް 16.7 މިލިޔަންޑޮލަރުގެ ބެންކް ގެރެންޓީއެއް ދީފައިވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
"16.7 މިލިޔަންޑޮލަރުގެ ބެންކް ގެރެންޓީއެއް މޫސަ އަށް ވަނީ ދީފައި. ޑޮލަރު ޑިފަރެންސްގެ ގޮތުގައި 53 މިލިޔަން ވެސް މޫސައަށް ވަނީ ދީފައި. އަދި ކައްދޫ ގެސްޓުހައުސް އެއީ ކުޑަ ވަރެއްގެ ރިސޯޓެއް. އެތަން މޫސައަށް ދީފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް. އެންމެ ލާރިއެއްވެސް ސަރުކާރަށް ދައްކާފައެއްނުވޭ. ބަޖެޓްގައި ނެތް ފައިސާއަކުން އިތުރަށް ފަސް މިލިޔަން މޫސަ އަށް ދީފައިވޭ،" ރިޔާޒުގެ ވާހަކާގައި ވިދާޅުވި އެވެ.