ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުން ނަގާ ވޯޓެއްގައި ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް ވިޕަކާ ހިލާފުވިޔަސް ގޮނޑި ނުގެއްލޭ ގޮތަށް އެންޓި ޑިފްކްޝަން ބިލު އެކުލަވާލައި މަޖިލީހަށް ހުށަހަޅައިފި އެވެ.

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި އެ ބިލުގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ބަޔާން ކޮށްފައި ވަނީ ތިން ހާލަތެއް މެދުވެރި ވެގެންނެވެ. އެއީ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނާ ތިން ހާލަތެވެ.

ބިލުގައި ބުނެފައި ވަނީ މެމްބަރެއްގެ ގޮނޑި ގެއްލޭނީ މެމްބަރު އިންތިހާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން އަދި އިންތިހާބުވާ ޕާޓީ އިން ވަކިވުމުން ނުވަތަ އިންތިހާބުވާ ޕާޓީން ވަކި ކުރުމުން ކަމަށެވެ.

"ތްރީ ލައިން ވިޕަކާ ހިލާފުވެގެނެއް މި ބިލުގައި އެޕްރޯޗްކޮށްފައި އޮތް ގޮތަކުން މެމްބަރުންގެ ގޮނޑިއެއް ނުގެއްލޭނެ. އަދި އޭނަގެ މައްޗަށް ސުލޫކީ ފިޔަވަޅެއް އަޅާ ގޮތަކުން އަދި ނުގެއްލޭނެ ގޮނޑިއެއް،" ނިހާން ވިދާޅުވި އެވެ.

އެންޓި ޑިފްކްޝަން ގާނޫނަށް އަމަލު ކުރަން ފަށާގޮތަށް އެ ބިލުގައި ބުނެފައި ވަނީ މަޖިލީހުން އެ ބިލު ފާސްކޮށް ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށެވެ. އަދި އޭގެ ކުރިން ހިނގާފައި ހުރި އެއްވެސް ކަމަކަށް ގާނޫނު ނުހިނގާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ގާނޫނާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހާއްސަ ގަވައިދެއް އެކުލަވާލަން ޖެހޭނެ ކަމަށް ނިހާން ވިދާޅުވި އެވެ. އެ ގަވާއިދުގައި މެމްބަރުން ޕާޓީން ވަކިކުރެވޭނީ ކޮން ޝަރުތުތަކަކާ އެކު ކަން ކަނޑައެޅިގެން ބަޔާން ކުރަން ޖެހޭނެ ކަމަށް ނިހާން ވިދާޅުވި އެވެ.

އަދި މިނިވަން މެމްބަރުންނާއި ކޯލިޝަނަކުން އިންތިހާބު ކުރެވޭ މެމްބަރުންނާ މެދު އަމަލު ކުރެވޭނެ ގޮތްތަށް ވެސް އެ ގަވާއިދުގައި ބަޔާން ކުރަން ޖެހޭނެ ކަމަށް ނިހާން ވިދާޅުވި އެވެ.

އެފަދަ ބިލެއްގެ މުހިންމު ކަމަށް އިޝާރާތް ކުރައްވައި ނިހާން ވިދާޅުވީ ރައްޔިތުން މެމްބަރުން ހޮވަނީ ޕާޓީތަކުން ގެންގުޅޭ ސިޔާސީ މެނިފްސްޓޯއަށް ކަމަށެވެ. އެއީ މެމްބަރުންނަށްދޭ ވޯޓެއް ނޫން ކަމަށާއި އެއީ ފިކުރަށްދޭ ވޯޓެއް ކަމަށް ނިހާން ވިދާޅުވި އެވެ. އެހެން ކަމުން އިންތިހާބު ކުރާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމަކީ އެއީ މެމްބަރުކަން ގެއްލެން ޖެހޭ ކަމެއް ކަމަށް ނިހާން ވިދާޅުވި އެވެ.

އެ ބިލަކީ މަޖިލީހަށް އިންތިހާބުވާ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާ ބިލެކެވެ. އަދި ޕާޓީ ބަދަލުކުރުމުން ގޮނޑިއެއް ހުސްވެއްޖެ ނަމަ ބައި އިލެކްޝަން ބޭއްވުމުގެ އިޖްރާއާތުތައް ވެސް އެ ބިލްގައި ހުންނާނެ ކަމަށް ޕީޕީއެމް އިން ބުންޏެވެ.