އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ފަހަތުންއަރައި ކްރިސްޓަލް ޕެލެސް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން މުހިއްމު މޮޅެއް ހޯދައިފި އެވެ.

ރަށުން ބޭރުގައި ޔުނައިޓެޑް ކުޅުނު މެޗުން އެޓީމު މޮޅުވީ 3-2ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ދެ ގޯލް ޖަހައި ލީޑު ނެގީ ޕެލެސްއިންނެވެ. އެހެން ނަމަވެސް ފަހު ހާފްގައި ޖެހި ތިން ގޯލާ އެކު ޔުނައިޓެޑުން ވަނީ ތިން ޕޮއިންޓް ހޯދާ ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަދި ކްރިސްޓަލް ޕެލެސް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ރޭގެ މެޗުގެ ކުރީ ކޮޅުގައި ޕެލެސް އިން ވަނީ ލީޑު ނަގައިފަ އެވެ. އެގޮތުން މެޗުގެ 11 ވަނަ މިނެޓުގައި އެންޑްރޯސް ޓައުންސޭންޑްގެ ގޯލާ އެކު ޕެލެސްއިން ލީޑު ނެގި އިރު، ފުރަތަމަ ހާފް ނިންމާލީ 1-0ގެ ނަތީޖާއަކުން ޕެލެސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ތިން މިނެޓު ތެރޭގައި ޕެލެސް އިން ވަނީ ލީޑު ފުޅާކޮށްފަ އެވެ. ޗެލްސީ ކުޅުންތެރިއެއްގެ ގޮތުގައި ކުރިން ގިނަ ދުވަސްތަކެއް ހޭދަކުރި ޕެޓްރިކް ވޭން އެންހޯލްޓްގެ ގޯލާ އެކު ޕެލެސްއިން ލީޑު ފުޅާކުރި ނަމަވެސް މެޗުގެ 55 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ޑިފެންޑަރު ކްރިސް ސްމޯލިންގެ ގޯލާ އެކު ޔުނައިޓެޑުން ވަނީ އުންމީދު އާކޮށްފަ އެވެ.

މެޗުގެ 76 ވަނަ މިނެޓުގައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އެވަޓަން އިން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ލުކާކޫ ވަނީ މި ސީޒަންގައި 22 ގޯލް ޖަހައިފަ އެވެ.

ޔުނައިޓެޑުން މެޗު އަނބުރާލީ މެޗުގެ ފަހުވަގުތުގަ އެވެ. ނުވަދިހަ އެއް ވަނަ މިނެޓުގައި ނެމެންޖާ މަޓިޗްގެ ރީތި ގޯލާއެކު ޔުނައިޓެޑުން ވަނީ މުހިއްމު ތިން ޕޮއިންޓް ހޯދައިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަދި ކްރިސްޓަލް ޕެލެސް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިހާތަނަށް ކުޅުނު 29 މެޗުން ލިބުނު 62 ޕޮއިންޓާ އެކު ޔުނައިޓެޑުން ދެވަނާގައި އޮތް އިރު، އެއްވަނާގައި ސިޓީ އޮތީ އެ އަދަދަށް މެޗު ކުޅެ 78 ޕޮއިންޓާއެކުގަ އެވެ. ޔުނައިޓެޑްގެ ފަހަތުން ލިވަޕޫލް އޮތީ 29 މެޗުން 60 ޕޮއިންޓާއެކުގަ އެވެ.