06 Mar 2018, 09:45
ކޮލަމްބޯ (މާޗް 6): ސްރީ ލަންކާގެ ކެންޑީގައި ދީނީ ހަމަނުޖެހުން އުފެދި، ބުޑިސްޓުންގެ ބަޔަކު މުސްލިމުންގެ ފިހާރަތަކަށާއި މިސްކިތަކަށް ހަމަލާ ދީފި އެވެ.
މިދިޔަ ހަފްތާ ބަންދު ތެރޭގައި ފެށުނު އެހަމަނުޖެހުންތަކާ ގުޅިގެން އިއްޔެ އިން ފެށިގެން މިއަދުގެ ހެނދުނާ ހަމައަށް ކެންޑީގައި އޮތީ ކާފިއު އިއުލާންކޮށްފަ އެވެ. އަދި އެހަމަނުޖެހުންތަކުގައި މުސްލިމުންގެ ފިހާރަތަކުގައި ރޯކުރުމާ ގުޅިގެން 24 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ކެންޑީގެ ފުލުހުން އެ ހަމަނުޖެހުންތައް ކޮންޓްރޯލުކޮށްފައި ނުވާތީ، އެމައްސަލަ ވެސް ބަލަމުންދާ ކަމަށް ސީނިއާ އޮފިސަރުން ވިދާޅުވި އެވެ.
އެހަމަނުޖެހުންތައް އިތުރުވީ މުސްލިމުންނާ ދެކޮޅަށް ބޭއްވި އެއްވުމެއްގައި ބުޑިސްޓަކަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާ މަރުވުމުންނެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ލަންކާގެ ވެރިކަމަށް ވަޑައިގެންނެވި ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ މުސްލިމުންނަށްދޭ ހަމަލާތައް ތަހުގީގު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް އެތަހުގީގުތަކަށް އަދި ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ. (އަލްޖަޒީރާ)