އިޓާލިއަން ސެރެއާ އޭގެ ފިއޮރެންޓީނާ ކެޕްޓަން ޑާވިޑޭ އެސްޓޯރީގެ ކުއްލި މަރު ތަހުގީގު ކުރުމަށް އުޑީންގެ ސީނިއާ ޕްރޮސެކިއުޓަރު ނިންމައިފި އެވެ.

އަސްޓޯރީ ކުއްލި ގޮތަކަށް މަރުވެފައި އޮއްވާ ފެނިފައި ވަނީ ފިއޮރެންޓީނާ އިން އުޑިނޭސީއާ ދެކޮޅަށް އާދިއްތަ ދުވަހު ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން އޭނާގެ ޓީމު ކޭމްޕު ކޮށްފައިވާ ލޭ ޑި މޮރެޓް ހޮޓެލްގަ އެވެ. އެސްޓޯރީގެ މަރާ ގުޅިގެން އިޓަލިއަން ސެރެއާ އޭގެ މި ހަފްތާގެ ހުރިހާ މެޗެއް ވަނީ ފަސްކޮށްފަ އެވެ.

އުމުރުން 31 އަހަރުގެ އެސްޓޯރީގެ ކުއްލި މަރު ތަހުގީގު ކުރުމަށް ހުޅުވާލިކަން އާއްމުކުރަމުން އޭނާ މަރުވެފައި އޮތް ސިޓީ، އުޑީންގެ ޗީފް ޕްރޮސެކިއުޓާ އެންޓޯނިއޯ ޑި ނިކޯލޯ ވިދާޅުވެފައި ވަނީ ތަހުގީގު ހުޅުވާލީ އެސްޓޯރީގެ މަރަކީ މީހަކު އޭނާ އަށް ދިން ހަމަލާއެއް ނޫންކަން ޔަގީން ކުރުމަށް ކަމަށެވެ.

މިވަގުތު އެއްވެސް މީހަކަށް ޝައްކު ނުކުރާ ކަމަށާއި އެއްވެސް މީހެއް އެސްޓޯރީގެ މަރަށް ޒިންމާ ނަގަން ނުޖެހޭނެ ކަމަށް ވެސް ޗީފް ޕްރޮސެކިއުޓާ އެންޓޯނިއޯ ޑި ނިކޯލޯ ވަނީ ވިދާޅުވެފަ އެވެ.

ފިއޮރެންޓީނާގް ތަރުޖަމާނު އާޓޫރޯ މަސްޓްރަނާޑީ ބުނެފައި ވަނީ އާއްމުކޮށް ކޮންމެ ދުވަހަކު ވެސް އެންމެ އަވަހަށް ހެނދުނު ސަޔަށް ދާ ކުޅުންތެރިއަކީ އެސްޓޯރީ ކަމަށާއި އޭނާ މަރުވި ދުވަހުގެ ވަރަށް ފަސްވި އިރު ވެސް ހެނދުނު ސަޔަށް އެސްޓޯރީ ނުދާ ކަމަށެވެ. އެސްޓޯރީ މަރުވިކަން ޔަގީންވީ ވެސް ސަޔަށް ނާންނާތީ ގޮސް ބެލި ބެލުމުން ކަމަށް ވެސް އާޓޫރޯ ބުންޏެވެ.

ފިއޮރެންޓީނާ އިން ބުނެފައި ވަނީ އެސްޓޯރީގެ އޮޓޮޕްސީ މިއަދު ހަދާނެ ކަމަށާއި އޮޓޮޕްސީއަށް ފަހު އޭނާގެ ހަށިގަނޑު ފްލޮރެންސަަށް ގެންދާނެ ކަމަށެވެ. އެސްޓޯރީގެ ހަށިގަނޑު މިވަގުތު އޮތީ އުޑީންގަ އެވެ.

އޭސީ މިލާނުން ސީނިއާ ކެރިއަރު ފެށި އެސްޓޯރީ ވަނީ ކަގިލިއާރީ އަދި ރޯމާއަށް ވެސް ކުޅެފަ އެވެ. އެސްޓޯރީ ވަނީ އިޓަލީގެ ގައުމީ ޓީމަށް ވެސް 14 މެޗު ކުޅެދީފަ އެވެ.