ދެވަނަ ހާފުގައި ޖެހި ލަނޑުތަކުން ރާއްޖޭގެ ގައުމީ އަންހެން ޓީމު އަތުން ސިންގަޕޫރު މޮޅުވެއްޖެއެވެ.

މިއަދު ސިންގަޕޫރުގައި ކުޅުނު އެކުވެރިކަމުގެ މެޗުން ރާއްޖޭގެ އަންހެން ޓީމު ބަލިވެފައިވަނީ 2-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ސިންގަޕޫރުގެ ޓީމުން ފެނިގެންދިޔައީ އެވްރެޖްކޮށް 22 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. ސިންގަޕޫރު ޓީމުން 14 އަހަރުގެ ކުޅުންތެރިއެއްވެސް ފެނިގެންދިޔައެވެ.

އެ މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ރާއްޖެއިންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ރާއްޖޭގެ އާމިނަތު ޝާމިލާ ފޮނުވާލި ހަމަލާ، ސިންގަޕޫރުގެ ކީޕަރު ނޫރު ކުސުމަވަތީ ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ.

ރާއްޖޭގެ އެ ހަމަލާއަށް ފަހު ސިންގަޕޫރުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެމުންދިޔަ އިރު، ރާއްޖެއިން ފެނިގެންދިޔައީ ވަރަށް ބޮޑަށް ފަހަތަށް ޖެހި ޑިފެންސިވް ގޭމެއް ކުޅެމުންދިޔަ މަންޒަރެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގައި ރާއްޖެއަށް ރަނގަޅު ކުޅުމެއް ނުދެއްކި އުޅެނިކޮށް، މެޗުގެ ދެވަނަ ހާފު ފެށިތާ ހަ މިނެޓް ފަހުން ސިންގަޕޫރުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ރާއްޖޭގެ ކީޕަރު އައިޝަތު އަބްދުލް ރައްޒާގު (އައިޝާ)އަށް ހެދުނު ގޯހަކުން ސިންގަޕޫރަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ 14 އަހަރުގެ ކުޅުންތެރިޔާ ޕުތުރީ ނޫރު ސިޔާލިޒާއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ޕުތުރީ ފޮނުވާލި ހަމަލާ، ކީޕަރު އައިޝާއާ ދިމާލަށް ދިޔަ ނަމަވެސް އޭނާއަށް އެ ބޯޅަ ދިފާއުކުރެވިފައެއް ނުވެއެވެ.

ގިނަ ހަމަލާތަކަކަށް ފަހު ސިންގަޕޫރުން ކާމިޔާބުކުރި ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. ސިންގަޕޫރަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސްޓެފަނީ ޑޮމިންގޭޒްއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ރާއްޖޭގެ ގޯލުގެ ތިރީ ކަނަކަށެވެ.