05 Mar 2018, 22:00
ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ދީނީ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ތައުރީފް ހައްގު މަސައްކަތްތަކެއް ކަމަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ދީނީ ސިޔާސަތުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑރ ޝަހީމް "ސަން"އަށް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން މިވީ މުއްދަތުގައި ދިނީ ގޮތުން ކުރައްވާފައިވާ މަސައްކަތްތަކަކީ ވަރަށް ހަރުދަނާ މަސައްކަތްތަކެއް ކަމަށާއި އެންމެ ފުރިހަމައަށް މި ސަރުކާރުގައި ހިނގަމުންދާ އެއް ދާއިރާއަކީ އިސްލާމް ދީނާ ގުޅޭ ކަންކަން ކަމަށެވެ. އެގޮތުން ޑރ. ޝަހީމް ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީއެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި އުފެއްދެވީ ރައީސް ޔާމީން ކަމަށާއި އެކަމުން ހެކި ދެނީ އެމަނިކުފާނުގެ ހިތްޕުޅުގައި ދީނަށް އޮތް ލޯބި ކަމަށެވެ.
" ރައީސް ޔާމީންގެ ސަރުކާރުން ދިނީ އެއްބައިވަންތަކަމާއި ދީނީ ގޮތުން ރައްޔިތުންނަށް މުހިންމު ކަންކަން ކޮށްދެއްވުމަށް ހާއްސަ އިސްކަމެއް ދެއްވާފައި އެބަހުރި. އޭގެ މިސާލެއް އިސްލާމިކް ޔުނިވާރސިޓީއަކީ. މިއަދު އެތަނުގެ ހިޔާވަހި ކަމުގެ ތެރެއިން އެތައް ކުދިންނެއް އެބަނުކުމޭ އިސްލާމީ ތައުލީމް އުނގެނިގެން،" މި ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ދީނީ ގޮތުން އެއްވެސް ވަރަކަށް އިސްކަމެއް ދެއްވާފައި ނުވާ ދާއިރާތަކުންވެސް ރައީސް ޔާމީންގެ ސަރުކާރުން އިސްކަން ދެއްވާފައި އެބަހުރި ކަމަށާއި އެގޮތުން މިސްކިތްތައް ބިނާ ކުރުމާއި ދީނީ ވަހުދަތު ހިމާޔާތް ކުރުމަށް ކުރެވިފައިވާ މަސައްކަތްތައް ފާހަގަކޮށްލެވޭ ކަމަށެވެ.
" ވަރަށް ބޮޑަށް މި ސަރުކާރުން މިސްކިތްތައް އިމާރާތް ކުރުމަށް އިސްކަން އެބަދެއްވާ. އެއީ އުފާކުރަންޖެހޭ ކަމެއް. ސައުދީ ސަރުކާރާ ގުޅިގެން މިހާރު އިމާރާތް ކުރަމުންދާ ކިންގް ސަލްމާން މިސްކިތަކީ އެ ކަންކަމުގެ ވަރުގަދަ ހެއްކެއް. އަދީ މީގެ އިތުރުންވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަދަމުންދާ އިސްލާމިކް ސެންޓަރު ތަކަކީވެސް އޭގެ މިސާލެއް،" ޑރ. ޝަހީމް ވިދާޅުވިއެވެ.
ގައުމުގެ އެތެރޭގައި އުފެދިފައިވާ ބައިބައި ވުންތަކާއި ދެކޮޅުވެރިކަން ނައްތާލެވޭނީ އިސްލާމީ ރިވެތި އުސޫލުތައް ބޭނުން ކޮށްގެން ކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. އަދި އެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ސަރުކާރުން މަޝްވަރާގެ މާތް އުސޫލު އިސްކުރެއްވުމަކީ އިސްލާމީ އުސޫލުތަކުގެ ތެރެއިން ހައްލެއް ހޯދަން ރައީސް ޔާމީން ބޭނުންފުޅުވާ ކަމުގެ މިސާލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ދެބަސްވުމެއް އުފެދުމުން މި އޮންނަ ގޮތަކީ މަޝްވަރާގެ އުސޫލު އިހްތިޔާރު ކުރުން. އިސްލާމީ ގައުމެއްގައި އިޖްތިމާއީ އަދާލަތުގެ ތެރެއިން ހަމަހަމަ ފުރުޞަތު ހުރިހާ ރައްޔިތުންނަށް ލިބިދޭން ޖެހޭނެ،" ޑރ. ޝަހީމް ވިދާޅުވިއެވެ.
މަޝްވަރާގެ އުސޫލު ބޭނުން ނުކޮށް ބޭރުގެ ސިފައިން ގެނެސްގެން ކަންކަން ހައްލުކުރުމަށް ގޮވާލައި އެގޮތަށް އަމަލު ކުރުމަކީ ދީނީ އުސޫލުތަކާ ހިލާފް ކަމެއް ކަަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ، އިސްލާމީ މުޖްތަމައުއެއްގެ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފައަކީ އިސްލާމް ދީނަށް ނަސްރު ދިނުން ކަމަށާއި ދީނާއި ގައުމުގެ އަދުއްވުންގެ ކިބައިން މަދަދުވެރިކަމަށް އެދި ގޮވާލާ ވެރިއަކު އިހްތިޔާރު ކުރުމުގެ ކުރިން ވިސްނާލަން ޖެހޭ ކަމަށެވެ. އަދި ދީނީ ގޮތުން ސާބިތުވާން ހުރި ކަންކަމަކީ ހުއްޖަތެއް ނޫންކަން ނުވަތަ އެނޫން ގޮތެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވުމަކީ ބަލައިގެނެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.