23 Aug 2011, 15:10
ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުގެ ހޭނައްތާ ޑޮކްޓަރުގެ ކޮންޓްރެކްޓް ހަމަވެގެން އެ ޑޮކްޓަރު ފުރުމުން އެ ހޮސްޕިޓަލުގައި ކުރަން ޖެހޭ ބޮޑަތި އޮޕަރޭޝަންތައް ކުރުން މެދުކެނޑިފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި އަލީ ޝަމީމް މިއަދު ވިދާޅުވީ ގިނަ ޒަމާންތަކެއް ވަންދެން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އައި ހޭނައްތާ ޑޮލްޓަރުގެ، ކޮންޓްރެކްޓް ހަމަވުމުން އޭނާ ފުރައިގެން ދިޔުމުން ހޭނައްތައިގެން ކުރަން ޖެހޭ އޮޕަރޭޝަންތައް ކުރުން މަޑުޖެހިފައިވާ ކަމަށެވެ. އަދި އެ ޑޮކްޓަރާ އެކު ކުޑަކުދިންގެ ޑޮކްޓަރަކު ވެސް ފުރައިގެން ދިޔުމުން އެކަމުގެ ޝަކުވާ ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުން ކުރާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"އެބޭފުޅުން މައްސަލައެއް އޮވެގެނެއް ނޫން ފުރައިގެން ދިޔައީ. އެބޭފުޅުންނަށް މެލެއިން ޗާންސެއް ލިބިގެން ކޮންޓްރެކްޓް އާކުރަން ބޭނުން ނުވާތީ ދިޔައީ. އެއީ ދެމަފިރިން،" ޝަމީމް ވިދާޅުވި އެވެ.
އަތޮޅުގެ އެންމެ ބޮޑު ހޮސްޕިޓަލް އަދި 24 ގަޑިއިރު ހިދުމަތްދޭ ހަމަ އެކަނި ހޮސްޕިޓަލުން ބޮޑަތި އޮޕަރޭޝަންތައް ކުރުން މެދުކަނޑާލާފައި ވާތީ އެކަމަށް ހައްލެއް ހޯދުމަށް އިތުރު ޑޮކްޓަރަކު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މަސައްކަތަށް ކޯޓާ ނުލިބުމުގެ ހުރަސް އެޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޯޓާގެ މައްސަލަތަކެއް އުޅެނީ. އެހެން ނޫނީ އެކަން މިހާރު ނިމިފައި ހުރީ. އަޅުގަނޑުމެން ހަމަ މަސައްކަތް ކުރަމުން މިދަނީ،" ޝަމީމް ވިދާޅުވި އެވެ.
އެ ހޮސްޕިޓަލުގައި ހަތް ޑޮކްޓަރަކު އަންނަނީ މަސައްކަތް ކުރަމުންނެވެ.