05 Mar 2018, 18:45
އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ތަޅުމަށް ނުވަންނާތީ ނުވަ ބިލެއްގެ މަސައްކަތް ހުއްޓިފައިވާ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިދައުރު ފެށުމުގެ ކުރިން ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގިނަ ގާނޫނުތަކަކަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
އެ ބިލުތަކުގެ މަސައްކަތް ކުރިއަށްދާތަން ނުފެންނާތީ މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ ސުވާލަށް ޖަވާބު ދެއްވަމުން ނިހާން ވިދާޅުވީ، މިހާރުވެސް ސަރުކާރުން ފޮނުވާފައިވާ ނުވަ ބިލެއް 'ސްޓޮކްގައި' އެބައޮތް ކަމަށެވެ.
އޭގެތެރެއިން މިވަގުތަށް ފާސްކުރެވެން ހުރި ގާނޫނުތަކުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ.
ބިލުތަށް ސްޓޮކްގައި ބަހައްޓަން ޖެހޭ އެންމެ ބޮޑު ސަބަބެއް ކަމަށް ނިހާން ވިދާޅުވީ، މަޖިލީހުގެ އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމަށް ނުވަންނާތީ އެވެ. އެކަމުގެ ސަބަބުން، ގާނޫނުއަސާސީގައި ބުނެފައިވާ ރައްޔިތުން އެއެއްޗެއްގެ މައްޗަށް އަމަލުކުރަންޖެހޭ ގާނޫނުތައް މަޖިލީހުން ފާސްކުރާއިރު 43 މެމްބަރުން ތަޅުމުގައި ތިބެން ޖެހޭނެ ކަމަށް ބުނާ ބުނުމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ނިހާން ވިދާޅުވި އެވެ.
" އިދިކޮޅު މެމްބަރުން މަޖިލީހަށް ސޮއިކޮށްލާފައި ގޮސް ބޭރު ކުޑަ ދޮށުގައި އެބަ ތިބޭ. ކޮމިޓީއަށްވެސް ސޮއިކޮށްލާ އެބަ މުސާރަ ނަގާ ބަރާބަރަށް. އެކަމަކު ރައްޔިތުން އެމީހުން އިންތިހާބު ކުރި ބޭނުން ފުރިހަމަ ކުރެވޭތޯ މިއީ ހަމަ ސުވާލު އުފައްދަން ޖެހޭ ކަމެއް،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވި ގޮތުން ގާނޫނުއަސާސީއާ ހިލާފަށް މަޖިލީހުން ބިލެއް ފާހެއް ނުކުރާނެއެވެ. އެހެންކަމުން މިވަގުތަށް ކުރިއަށް ގެންދަނީ ފާސްކުރެވެން ހުރި ބިލުތަކުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.
އިދިކޮޅު މެމްބަރުން މަޖިލީހަށް ނުވަންނަ ސަބަބެއް ކަމަށް އެބޭފުޅުން ވިދާޅުވީ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ކަނޑައެޅި 12 މެމްބަރުންނަށް މަޖިލީހަށް ނުވަދެވުމެވެ. އަދި ޖަލުގައި ބަންދުކޮށްފައި ތިބި އިދިކޮޅު މެމްބަރުންނަށް މަޖިލީހަށް ނުވަދެވުމަކީވެސް އެބޭފުޅުން މަޖިލީހުގެ ތަޅުމަށް ނުވަންނަ ސަބަބެއް ކަމަށް ވަނީ ބުނެފައެވެ.