05 Mar 2018, 17:34
އެމްއެންޑީއެފްގެ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ބަންދުކޮށްފައިވާ ކަމަށް ދެކެވެމުންދާ ވާހަކަތައް އެމްއެންޑީއެފުން ދޮގުކޮށްފިއެވެ.
ޒަކަރިއްޔާ މަންސޫރު ބަންދުކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަތައް ފެތުރިފައިވާ އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެފަދަ ވާހަކަތަކެއް ދެކެވެމުންދާކަމަށް ވިދާޅުވެ، ޓްވީޓު ކުރައްވައިފައެވެ.
ރައީސް ނަޝީދުގެ ޓްވީޓުގެ ސްކްރީންޝޮޓަކާއެކު، އެމްއެންޑީއެފުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ މުއައްސަސާއާ ގުޅުވައިގެން ފަރުތަމުން ގެންދަނީ ހަގީގަތެއް ނެތް ދޮގު ޚަބަރެއްކަން ދަންނަވާ ކަމަށެވެ.
ސަރުކާރު ވައްޓާލަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ފުލުހުންނާއި ސިފައިންގެ ތެރެއިން ބައެއް ފަރާތްތައް ވަނީ ހައްޔަރުކޮށްފައެވެ. އެގޮތުން ފުލުހުންގެ ސްވޮޓްގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފު ވަނީ ދާދިފަހުން ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައެވެ.