ދުނިޔޭގެ ކޮލެޓީ އެންމެ ރަނގަޅު ކުންފުނިތަކަށްދޭ ދެ ސެޓްފިކެޓެއް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އިން ހޯދައިފިއެވެ.

އެ ކުންފުންޏަށް ލިބިފައި ވަނީ އިންޓަރނޭޝަނަލް އޮގަނައިޒޭޝަން އޮފް ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) އިން ދޭ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްގެ ސެޓްފިކެޓަކާއި އަދި ކުންފުނިތަކުގެ ހިދުމަތްތަކުގެ ކޮލިޓީ ބަލާ، ސުވިޒަލެންޑްގެ ކުންފުންޏެއް ކަމަށްވާ ސޮސައިޓީ ޖެނެރެލް ޑި ސާވައިލެންސް (އެސްޖީއެސް)އިން ދިން ސެޓުފިކެޓެވެ.

އެ ސެޓްފިކެޓުތަކަކީ ޕްރޮފެޝަނަލް ސްޓޭންޑަޑެއްގައި ހިދުމަތް ދިނުމުގައި ކުންފުނިތަކާއި އާންމުންގެ އިތުބާރު އެ ކުންފުނިން ހޯދާފައިވަތީ ދީފައިވާ ސެޓުފިކެޓުތަކެކެވެ.

1. އައިއެސްއޯ 22000:2005

2. އެޗްއޭސީސީޕީ (އެސްޖީއެސް)

ކޮލެޓީ އެންމެ ރަނގަޅު ކުންފުނިތަކަށްދޭ ދެ ސެޓްފިކެޓް އެމްޑަބްލިއުއެސްސީއަށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްޑަބްލިއުއެސްސީ

އެ ސެޓްފިކެޓްތައް ހަވާލުކުރުމަށް މިއަދު މެންދުރު ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި އެ ދެ ސެޓްފިކެޓް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްދެއްވީ އެސްޖީއެސްލަންކާގެ ބިޒްނަސް މެނޭޖަރު ޗަމީކާ ވިމަލާސިރީއެވެ. އަދި އެމްޑަބްލިއުއެސްސީގެ ފަރާތުން ސެޓްފިކެޓާ ހަވާލުވެލެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

އެމްޑަބްލިއުއެސްސީން ބުނީ މިއަދު ހާސިލްކުރި ދެ ސެޓްފިކެޓްގެ ސަބަބުން ކުންފުނީގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ، އުފެއްދުންތަކުގެ ފެންވަރު އެއްހަމައެއްގައި ގާއިމްކޮށް، ފެކްޓްރީން އުފައްދާ ފުޅީގައި ބަންދުކުރި ފެނަކީ ދުނިޔޭގެ ފެންވަރުގެ ބެސްޓު ޕްރެކްޓިސަސް ބޭނުންކޮށްގެން ރައްކާތެރި ކަމާއެކު އުފެއްދޭ، އުފެއްދުންތަކެއްކަމުގެ ޔަގީންކަން ދެމެހެއްޓިގެން ދާނޭ ކަމަށެވެ.