05 Mar 2018, 16:15
ބޮލީވުޑް އެކްޓަރު ވަރުން ދަވާންގެ ކުރިއަށް އޮތް ފިލްމު 'ސުއި ދާގާ'ގެ ޝޫޓިންގައި އުޅެނިކޮށް، އޭނާ އަށް އަނިޔާ ވެއްޖެ އެވެ.
ވަރުން އަށް އަނިޔާވެފައި ވަނީ ފައިޓް ސީކުއެންސެއް ޝޫޓު ކުރަމުން ދަނިކޮށެވެ. ރިޕޯޓުތައް ބުނާގޮތުން އެ މަންޒަރުތަކުގައި ބޮޑީ ޑަބަލް އެއް ބޭނުން ކުރަން ވަރުން އަށް އިރުޝާދު ދިން ނަމަވެސް، ވަރުން އެގޮތް ބޭނުމެއް ނުވި އެވެ.
ވަރުން އަށް އަނިޔާވީ ސިޑި މަތިން ފުރޮޅިފައި ތިރިއަށް ވެއްޓޭ މަންޒަރު ނަގަން އުޅުމުގެ ތެރޭގައި ސިޑީގައި ބޯ ޖެހިގެންނެވެ. ނިތްކުރިން ވަރަށް ބޮޑު ތަނެއް ކަނޑައިގެން ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނާ އިރު، އަދި ވެސް އިތުރު ކުދި ޒަޚަމްތައް ލިބިފައިވާ ކަމަށްވެ އެވެ.
ވަރުން އަށް އަނިޔާވުމާ އެކު ފިލްމުގެ ޝޫޓިން ވަނީ މެދުކަނޑާލައިފަ އެވެ. އަދި ފަރުވާއަށް ފަހު ޑޮކްޓަރު ވަނީ ދެ ދުވަސް ވަންދެން އަރާމު ކުރުމަށް އަންގައިފަ އެވެ. އެހެން ނަމަވެސް ފިލްމުގެ ޝޫޓިން ފަސްކުރަން ބޭނުން ނޫން ކަމަށް ބުނެ، ދެތިން ގަޑިއިރު އަރާމުކޮށްލުމަށް ފަހު ވަރުން ވަނީ އަލުން ޝޫޓިން އާ ގުޅިފަ އެވެ.
ފިލްމުގެ ޝޫޓިން ކުރިއަށް ދަނީ މަދްޔަ ޕްރަދޭޝްގެ ޗަންދޭރީގަ އެވެ. ފިލްމުގައި ވަރުން ފެނިގެން ދާނީ މައުޖީ ކިޔާ ފަހާ މީހެއްގެ ރޯލުންނެވެ.
'ދަމް ލަގާކޭ ހާއިޝާ'ގެ ޑައިރެކްޓަރު ޝަރަތު ކަޓާރިޔާ ޑައިރެކްޓު ކުރާ 'ސުއި ދާގާ: މޭޑް އިން އިންޑިއާ' ގައި ވަރުން އާއެކު ލީޑު ރޯލުން ފެނިގެން ދާނީ އަނުޝްކާ ޝަރްމާ އެވެ.
ޔަޝް ރާޖް ބެނާގެ ދަށުން ޕްރޮޑިއުސް ކުރާ އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.