05 Mar 2018, 17:10
ޑިޒްނީގެ އެޕިކް އެޑްވެންޗާ "އަ ރިންކް އިން ޓައިމް" މި ހަފްތާގެ ހުކުރު ދުވަހު ޝްވެކް ސިނަމާގައި ޕްރިމިއަރ ކުރާނެއެވެ.
ޖެނިފާ ލީ ސްކްރީންޕްލޭ ލިޔެ، އަވާ ޑުވާނޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ 1962 ވަނަ އަހަރު ހަމަ އެ ނަމުގައި ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.
މި ފިލްމުގެ މުހިއްމު ތަރިންގެ ތެރޭގައި އޯޕްރާ ވިންފްރޭ، ރީސް ވިތަސްޕޫން، މިންޑީ ކެލިންގް ފަދަ ތަރިން ފެނިގެންދާނެއެވެ.
މިއީ ސައިންސް ފެންޓަސީ ފިލްމުތަކަށް ލޯބިކުރާ މީހުނަށް ކަމުދާނެ ފިލްމެކެވެ. ފިލްމުން ފެންނާނީ އަންހެން ކުއްޖަކު އެކުއްޖާގެ ބައްޕަ ހޯދަން ކުރާ މަސައްކަތުގެ ތެރެއިން އާ ޕްލެނެޓެއް ހޯދާތަނާއި، އެކަމާ ގުޅިގެން ހިނގާ ކަންތައްތަކެވެ.
ފިލްމުގެ މަސައްކަތް 2016 ވަނަ އަހަރު ފަށައިގެން ނިންމާލި އިރު ފިލްމަށް 100 މިލިއަން ޑޮލަރަށްވުރެ ބޮޑު ބަޖެޓެއް ވަނީ ހޭދަވެފައެވެ.
ފިލްމަށް މިހާރުވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި އެގޮތުން ފިލްމު ރިލީޒްކުރުމުގެ ކުރިންވެސް އެމެރިކާއާއި ކެނެޑާގައި ގިނަ ބަޔަކު ފިލްމުގެ ޓިކެޓު ގަނެފައިވާކަމަށް ހަބަރުތައް ބުނެއެވެ.