05 Mar 2018, 15:29
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން މެންބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ހެދުމަށް ޕީޕީއެމުން ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކް އެވެ.
ޕާޓީ ބަދަލު ކުރުމުން ގޮޑި ގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި އަމުރު މިދިޔަ މަހުގެ އެއް ވަނަ ދުވަހު ހަމަ އެ ކޯޓުން ބާތިލުކޮށް، އެ އަމުރަށް އަމަލު ކުރުން ފަސް ކުރަން މިދިޔަ ހަފްތާގައި ސުޕްރީމް ކޯޓުން އޮތީ އަމުރުކޮށްފަ އެވެ.
އެ ބިލަކީ މަޖިލީހަށް އިންތިހާބުވާ ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވާ މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާ ބިލެކެވެ. އަދި ޕާޓީ ބަދަލުކުރުމުން ގޮނޑިއެއް ހުސްވެއްޖެ ނަމަ ބައި އިލެކްޝަން ބޭއްވުމުގެ އިޖްރާއާތުތައް ވެސް އެ ބިލިގައި ހުންނާނެ ކަމަށް ޕީޕީއެމް އިން ބުންޏެވެ.
ބިލާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ނިހާން ނުދެއްވަ އެވެ.
ގޮނޑި ގެއްލިއްޖެ ކަމަށް މިހާތަނަށް އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހްމަދާއި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އަދި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހަންމާ)އާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ.