05 Mar 2018, 15:18
ފަނޑިޔާރުންގެ ގާނޫނަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އިސްލާހެއް ހުށަހަޅުއްވައިފި އެވެ.
އަބްދުއްރަހީމް ހުށަހަޅުއްވާފައި ވަނީ ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)އަށް ނަމްބަރެއް އިތުރު ކުރުމަށެވެ. އިތުރުކުރާ ނަންބަރުގައި ބަޔާން ކުރަނީ ކޮން ގޮތަކަށްކަމެއް ސާފެއް ނުވެ އެވެ.
ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ)
ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާ ހާލަތުގައި ފަނޑިޔާރުންގެ ކިބައިގައި އަންނަނިވި ސިފަތައް ހަމަވާން ވާނެ އެވެ.
މުސްލިމަކު ކަމުގައި ވުމާއިސުންނަތް ޖަމާއަތުގެ މީހަކު ކަމުގައި ވުން
- އުމުރުން 25 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން
- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝަވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައި ނުވާ މީހެއް ކަމުގައިވުން
- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން
އަބްދުއްރަހީމް އިސްލާހު ހުށަހަޅުއްވާފައި ވަނީ ފަނޑިޔާރުކަމަށް އައްޔަނުކުރާ މީހެއްގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރެއަށް ޝަރުތެއް އިތުރު ކުރުމަށެވެ.
އެގޮތުން އަބްދުއްރަހީމް އިސްލާހު ހުށަހަޅުއްވާފައި ވަނީ ޖިނާއީ ކުށެއް ތުހުމަތު ކުރެވޭ ނުވަތަ ސާބިތުވާ ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް ފަސޭހަވާ ކަހަލަ އިސްލާހެއްކަން އެނގިފައިވެ އެވެ.
ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މަޖިލީހަށް ހާޒިރުވާ މެމްބަރުންގެ ތިން ބައިކުޅަ ދެބައި އަޣުބަލިއްޔަތު ލިބިގެން ކަމަށް ގާނޫނު އަސާސީގެ 154 ވަނަ މާއްދާގައި ބުނެފައިވެ އެވެ.
ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި އުއްތަމަފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު މިވަގުތު ހުންނެވި އިރު، ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅުއްވާފައިވާ މާމިގިލީ ކޯޓުގެ ގާޒީ އަހުމަދު ނިހާން ވެސް ހުންނެވީ ޖަލުގަ އެވެ. އޭގެ ތެރެއިން އެއްވެސް ބޭފުޅަކު މަގާމުން ވަކިކޮށްފައެއް ނުވެ އެވެ. ނަމަވެސް އެބޭފުޅުން ތިއްބެވީ ސަަސްޕެންޑް ކޮށްފަ އެވެ.