05 Mar 2018, 14:55
އިތުރު ފީއެއް ދައްކައިގެން، ޓޫރިޒަމަށް ދޫކުރާ ތަންތަނަށް ދައްކަން ޖެހޭ އެކުއެޒިޝަން ފީ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދޭ ގޮތަށް، ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިމާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވައިދު އިސްލާހު ކޮށްފިއެވެ.
އެ އިސްލާހުގައިވާ ގޮތުން ގޮތުން އެކުއިޒިޝަން ފީ ދައްކަން ޖެހޭ މުއްދަތަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ ފައިސާ ނުދެއްކޭނަމަ ފީ ދެއްކުމަށް ދެވޭ މުއްދަތު އިތުރުކޮށްދިނުމުގެ އިޚްތިޔާރު ޓޫރިޒަމް މިނިސްޓްރީއަށް އޮންނާނެއެވެ.
ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނީ އެކުއެޒިޝަން ފީ ދެއްކުމަށް ދޭ މުއްދަތު އިތުރު ކޮށްދޭނީ އެކަމަށް ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން ސިޓީއަކުން އެންގުމުން ކަމަށެވެ. އަދި މުއްދަތު އިތުރު ކުރާ ކޮންމެ ފަހަރަކު މުއްދަތު އިތުރުކޮށްދެވޭނީ 45 ދުވަހަށް ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.
އެ އިއުލާނުގައި ވާގޮތުން މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ކޮންމެ ފަހަރަކު މުއްދަތު އިތުރު ކުރުމުގެ ފީގެ ގޮތުގައި 1،000 ޑޮލަރު (ގާތްގަނޑަކަށް 15،420 ރުފިޔާ)ގެ ފީއެއް ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ފަރާތަކަށް ދައްކަން ޖެހެއެވެ.