23 Aug 2011, 14:42
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގއ. ވިލިގިލީ ބުރާންޗުގެ އެކައުންޓަކުން ވަގަށް ފައިސާ ޓްރާންސްފާ ކުރިކަމުގެ ތުހުމަތުގައި އެ ބޭންކުގެ މުވައްޒިފަކު ސަސްޕެންޑް ކޮށްފި އެވެ.
ބީއެމްއެލްއިން ވެސް ވަނީ އެކަން ޔަގީންކޮށްދީފަ އެވެ. އެ މައްސަލައިގާ ބީއެމްއެލް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ގއ. ވިލިގިލީ ބުރާންޗުގައި މަސައްކަތްކުރާ އެ ބޭންކުގެ މުވައްޒިފަކު ހިޔާނާތުގެ މައްސަލައެއްގައި ސަސްޕެންޑުކޮށްފައިވާ ކަމަށާއި ސްޓާފް "ފުރައުޑް" ހެދުމުގެ މައްސަލަ ކުޑަކޮށް ނަމަވެސް އެބޭންކަށް ދިމާވެފައިވާ ކަމަށެވެ.
"ދުނިޔޭގެ ގިނަ ބޭންކުތަކެކޭ ވެސް އެއްފަދަ އިން ސްޓާފް ފްރޯޑް ހެދުމުގެ މައްސަލަކުޑަކޮށް ނަމަވެސް މި ބޭންކަށް ވެސް ވަނީ ކުރިމަތިވެފަ އެވެ،" އެ ބޭންކުގެ ބަޔާނުގައިވެ އެވެ.
ދުނިޔޭގެ އެހެން ބޭންކުތަކާ އަޅާބަލާ އިރު ނިސްބަތުން މުވައްޒަފުން މައްސަލަ ދިމާވަނީ މަދުންކަމަށް ވެސް އެބޭންކުން ބުންޏެވެ.
"މި ބޭންކުން އަހަރަކު އެތައް މިލިއަން ޓްރާންސެކްޝަން ހަދާ އިރު، މިކަހަލަ މައްސަލައެއް ދިމާވެފައި ވަނީ ދުނިޔޭގެ ނިސްބަތުން ވަރަށް ވެސް މަދު ފަހަރެއްގަ އެވެ،" ބޭންކުގެ ބަޔާނުގައިވެ އެވެ.
އެއީ ކޮން މުވައްޒިފެއް ކަމާއި އަދި އެކަން ހިނގާ ދިޔަ ގޮތުގެ އިތުރު ތަފްސީލެއް އެބޭންކުން އާންމެއް ނުކުރެ އެވެ.