05 Mar 2018, 14:33
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ފެނަކައިގެ މެނެޖިންގް ޑިރެކްޓަރު އަހުމަދު ޝަރީފް އައްޔަނުކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
ކޮމިޓީން ޝަރީފަށް ދީފައިވަނީ 77.3 މާކްސްއެވެ. ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ މާކްސް ދީފައިވަނީ ކޮމިޓީގެ މެމްބަރުން ޝަރީފާ އިންޓްވިއު ކުރުމަށް ފަހު ކަމަށެވެ. އިލެކްޝަނަށް އައްޔަން ކުރުމަށް އެންމެ މަދުވެގެން ބޭނުންވާނީ 75 ޕަސެންޓް މާކްސްއެވެ.
ޝަރީފަކީ އީސީގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް އެކަށީގެންވާ ބޭފުޅެއްކަމަށް ކޮމިޓީން ނިންމާފައިވާކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ. ނަމަވެސް ޝަރީފު އައްޔަން ކުރުމަށް ތާއީދު ކުރެއްވި ކިތައް މެމްބަރުން ކަމެއް ރިޕޯޓުން އެނގޭކަށް ނެތެވެ. ކޮމިޓީއަށް އިދިކޮޅު މަޖިލިސް މެމްބަރުންވެސް ހާޒިރުވެ ތިއްބެވިއެވެ.
ޝަރީފަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ވެސް އަދާކުރެއްވި ބޭފުޅެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ޝަރީފް ކާމިޔާބު ކުރެއްވިއެވެ. ނަމަވެސް އެ ގޮނޑި ދިފާއު ކުރެއްވުމަށް 2014 ވަނަ އަހަރު އޮތް އިންތިހާބުގައި ވާދަކުރައްވައި، ޝަރީފު ވަނީ ނާކާމިޔާބީއާ ކުރިމަތިލައްވާފައެވެ.
އީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވަލާފައި މިވަނީ އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާނު އިސްތިއުފާ ދެއްވުމާ ގުޅިގެންންނެވެ.
ސުލައިމާނުގެ އިތުރުން އިސީގެ ސެކެޓްރީ ޖެނަރަލްގެ މަގާމުގައި ހުންނެވި އަހުމަދު އަލީ ވެސް ވަނީ މިދިޔަ މަހުގެ ފަހުކޮޅު އިސްތިއުފާ ދެއްވައިފައެވެ.