05 Mar 2018, 13:49
އުމުރުން 18 އަހަރާއި 35 އަހަރުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކާބޯތަކެތީގެ ފެއާއެއް ބާއްވަން ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.
އެ މިނިސްޓްރީއިން މިއަދު ބުނީ އެ ފެއާއަކީ އުފެއްދުންތެރިކަމުގެ ރޮނގުން ޢުމުރުން 18-35 އަހަރާ ދެމެދުގެ ޒުވާނުން ތައްޔާރުކޮށްފައިވާ ކާބޯތަކެތި ނުވަތަ އަމިއްލަ ރަހަތައް އެކުލެވިގެންވާ ރެސިޕީއެއް ތައްޔާރުކޮށް އާންމުންނަށް ބޭނުންކުރެވޭނެ ގޮތަށް ފަހިކޮށްދިނުމަށް ބާއްވާ ފެއާއެއް ކަމަށެވެ.
މި ފުޑްފެއާ އޮންނާނީ މިމަހުގެ 17 ވަނަ ދުވަހު ހަވީރު ހަތަރަކުން ރޭގަނޑު 23:00 އަށް ޒުވާނުންގެ މަރުކަޒުގައެވެ.
ޒުވާނުން އުފައްދާ ކާބޯތަކެތި މާކެޓްކޮށް ވިޔަފާރީގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުވުމަކީ މިފެއާގެ އެއް މަގުސަދު ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މި މައުރަޒު އޮންނާނީ އަންނަ މާޗްމަހުގެ 17 ވަނަ ދުވަހު.
ފުޑްފެއާގައި ބައިވެރިވާން ބޭނުންވާ ޒުވާނުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 11 ވަނަ ދުވަހެވެ.
ކާބޯތަކެތި އުފެއްދުމުގައި މަސައްކަތްކުރާ ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ، އަދި މިކަމަށް ޝައުގުވެރިކަން ހުރި ކޮންމެ ޒުވާނަކަށްވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ފެއާގައި ބައިވެރިވާ ޒުވާނުންނަށް މަސައްކަތުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުމެއް ނުވަތަ ބައިވެރިވިކަމުގެ ސެޓްފިކެޓެއް ދޭނެ ކަމަށެވެ.
ފުޑްފެއާގައި ބައިވެރިވުމަށްއެއްވެސް ފީއެއް ނުނަގާނެ ކަމަށްވެސް ޔޫތު މިނިސްޓްރީ އިން ބުނެއެވެ.
Youth Food Fair 2018 Conducted by Ministry of Youth & Sports at Maafannu Youth Centre
17th March 2018 | 1600hrs-2300hrs
Application form available fromhttps://t.co/jCGTbUrajnpic.twitter.com/GIwjzOklSg— Min. Youth & Sports (@MinYouthSports)March 5, 2018