05 Mar 2018, 12:40
"ކްރޮސްރޯޑްސް މޯލްޑިވްސް"ގެ ނަމުގައި ކ. އެނބޫދޫފަޅުގައި ރިސޯޓުތަކެއް ތަރައްގީ ކުރަމުންދާ ތައިލެންޑުގެ ސިންހަ އެސްޓޭޓު ކުންފުނިން، ދުނިޔޭގެ ހޮޓެލް ޗެއިން "އައުޓްރިގާ"ގެ ދަށުން ހިންގާ ހަ ރިސޯޓެއް ގަތުމަށް ނިންމައިފި އެވެ.
ސިންހައިން ގަތުމަށް ނިންމާފައިވާ ހަ ރިސޯޓުގެ ތެރޭގައި، އައުޓްރިގާ ބްރޭންޑުގެ ދަށުން، ގދ. ކޮނޮއްޓާގައި ހިންގާ "އައުޓްރިގާ ކޮނޮއްޓާ"ވެސް ހިމެނެ އެވެ.
ކޮނޮއްޓާގެ އިތުރުން ސިންހަ އެސްޓޭޓުން ގަންނަނީ ޕެސިފިކްގެ ޖަޒީރާ ފިޖީގައި އައުޓްރިގާ އިން ހިންގާ "އައުޓްރިގާ ފިޖީ ބީޗު ރިސޯޓު" އަދި "އައުޓްރިގާ ކާސްޓަވޭ އައިލެންޑް"އާއި، ތައިލެންޑުގައި ހިންގާ "އައުޓްރިގާ ލަގޫނާ ޕުކެޓް ބީޗު ރިސޯޓު" އަދި "އައުޓްރިގާ ކޮހް ސަމޫއީ ބީޗު ރިސޯޓު"ގެ އިތުރުން، އިންޑިއާ ކަނޑުގެ ޖަޒީރާ މޮރިޝަސްގައި ހިންގާ "އައުޓްރިގާ މޮރިޝަސް ބީޗު ރިސޯޓް"އެވެ.
ޖުމްލަ 859 ކޮޓަރިއާ އެކު، ތަފާތު ހަތަރު ގައުމެއްގައި ހުރި ހަ ރިސޯޓު ސިންހަ އެސްޓޭޓުން ގަންނަނީ 250 މިލިޔަން ޑޮލަރަށެވެ.
ސިންހަ އެސްޓޭޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކުންފުނިން އެ ރިސޯޓުތައް ގަންނަނީ، ފަތުރުވެރިކަމުގައި މަޝްހޫރު ސަރަހައްދުތަކުގެ ހޮޓެލްތަކާއި ރިސޯޓުތަކަށް އިންވެސްޓްކުރުމުގެ ގޮތުން ކަމަށެވެ.
ސިންހަ އެސްޓޭޓުން ފިޔަވައްސަކަށް ބަހާލައިގެން މާލޭގެ ދެކުނުން އެނބޫދޫފަޅުގައި ކުރިއަށްގެންދާ 800 މިލިޔަން ޑޮލަރުގެ "ކްރޮސްރޯޑްސް މޯލްޑިވްސް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 800 އެއްހާ އެނދާ އެކު ތިން ރިސޯޓެއް ތަރައްގީކުރެ އެވެ.
ފުރަތަމަ ތިން ރިސޯޓަކީ، ދުނިޔޭގެ މަޝްހޫރު ހޮޓެލް އަދި ރެސްޓޯރަންޓް ޗެއިން "ހާޑް ރޮކް"ގެ ބްރޭންޑުގެ ދަށުން ހުޅުވާނެ ތިން ރިސޯޓު ކަމަށް އެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިން ވަނީ މީގެ ކުރިން ބުނެފަ އެވެ.