ސަރުކާރުން ހުށަހެޅި ބިމުގެ ބިލާއި ރަހުނުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.
އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން މަޖިލީހަށް ހުށަހެޅި 18 ބިލުގެ ތެރެއިން، މަޖިލީހަށް ހުށަހެޅި އެ ދެ ބިލު ވެސް ފާސްވެފައި ވަނީ އެންމެ ވޯޓެއްގެ ތަފާތަކުންނެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބުދުލްޣަފޫރު މޫސާ ހުށަހެޅުއްވި ބިމުގެ ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ، ޖަލްސާގައި ތިއްބެވި، 74 މެންބަރުންގެ ތެރެއިން 37 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެބިލު ތަޅުމުން ބޭރު ކުރުމަށް 34 މެންބަރުން ވޯޓު ދެއްވި އެވެ. އަދި އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު އަބުދުﷲ ހުށަހަޅުއްވާފައިވާ ރަހުނުގެ ބިލު ބަލައި ގަތީ ވެސް 74 މެންބަރުންގެ ތެރެއިން 37 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެބިލު ފެއިލްކޮށްލުމަށް 36 މެންބަރުން ވޯޓު ދެއްވި އެވެ. މި ދެ ބިލު ބަލައިގަތުމުން އިތުރަށް ދިރާސާކުރުމަށް، ބިމުގެ ބިލު އިގްތިސާދީ ކޮމިޓީއަށް، އަދި ރަހުނުގެ ބިލު ގައުމީ ތަރައްގީގެ ކޮމިތީއަށް ފޮނުއްވެވިކަން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު އިއްލާން ކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ އިގްތިސާދީ އިސްލާހީ އެޖެންޑާ އަށް ބޭނުންވާ ބިލުތައް ފާސްކުރުމަށް ބޭނުންވާ އަދަދަށް މެންބަރުންގެ ތާއީދު ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެ ބިލް ތަކަށް ފާޑު ވިދާޅުވަމުން އިދިކޮޅު މެންބަރުން ވިދާޅުވެފައި ވަނީ އެބިލްތައް ހުށަހެޅުއްވުމުގައި ސަރުކާރުގެ އިހްލާސްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެފަދަ ބިލުތަކެއް ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ބިލުތައް ފާސްކުރަން ބޭނުންވާ އަދަދަށް، ރިޝްވަރު ދީގެން މެންބަރުން ގަނެގެން ކަމަށް ވެސް ބައެއް މެންބަރުން ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ.