ރާއްޖޭގެ ތާރީޚު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އެއްބަސްވާ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)، މިއަހަރު ސެޕްޓެމްބަރު މަހު އޮންނަ ސާފް ޗެމްޕިއަންޝިޕްގައި ކުޅޭނެ ކަމުގެ އިޝާރާތެއް އޭނާ ދީފިއެވެ.

އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ވާދަކުރާ މެޗަށް މިވަގުތު އަޝްފާގު ހުރީ ބަންގާޅުގައެވެ. ނިއުއާއި ޑާކާ އަބަހާނީ ވާދަކުރާ މެޗު އޮންނާނީ މާދަމާ އަނެއް ދުވަހުއެވެ.

ބަންގާޅުގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް އިއްޔެ ކުރިއަށް ގެންގޮސްފައިވާއިރު، ބަންގާޅުގެ އެންމެ ބޮޑު އެއް ނޫސް ކަމަށްވާ 'ދަ ޑެއިލީ ސްޓާ'އަށް ދަގަނޑޭވަނީ އޭނާގެ ކެރިއަރާ ބެހޭގޮތުން ވާހަކަ ދައްކައިފައެވެ.

އުމުރުން 33 އަހަރުގައިވެސް ރަނގަޅު ފޯމެއްގައި ހުރުމުގެ ސިއްރެއް ކަމަށް ދަގަނޑޭ ބުނެފައިވަނީ ހުރިހާވެސް އެއްޗަކީ ރަނގަޅަށް ކެޔުމުގެ އިތުރުން ބުރަ މަސައްކަތާއި ދިރިއުޅުމުގެ ޑިސިޕްލިން ކަމަށެވެ.

އަންނަ ސެޕްޓެންބަރު މަހު ޑާކާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ދާން ވިސްނާތޯ އެހުމުން އޭނާބުނީ އަދި އެކަމަށް ދޭނެ ސީދާ ޖަވާބެއް ނޭނގޭ ކަމަށެވެ.

"އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗަކީ އަހަރެން ގައުމީ ކެރިއަރުގެ ފަހު މެޗުކަމަށް ބަލަނީ. އެކަމަކު ސެޕްޓެމްބަރު މަހު ބަންގާޅުގައި އޮންނަ ސާފް ޗެމްޕިއަންޝިޕަށް ދިޔުމާ ދޭތެރޭ އަދި ވަކި އެއްޗެއް ބުނަން ނޭނގެ،" ދަގަނޑޭ ބުނެފައިވެއެވެ.

ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު އަދި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ދަގަނޑޭ، 2015 ވަނަ އަހަރު ޑިސެމްބަރު މަހު އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި ސާފް ސުޒުކީ ކަޕަށް ފަހު، އެ މުބާރާތުން އޭނޭ ދެން ފެނިގެން ނުދާނެ ކަމަށް ފޭސްބުކް ޕޭޖްގައި ވަނީ ބުނެފައެވެ.

ސާފް ޗެމްޕިއަންޝިޕްގައި ދަގަނޑޭވަނީ 2008، 2009، 2011، 2013 އަދި 2015 ވަނަ އަހަރުވެސް ކުޅެފައެވެ. 2008 ވަނަ އަހަރު ރާއްޖެއިން ސާފްޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި މުހިއްމު ރޯލެއް އަދާކުރި ދަގަނޑޭވަނީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.