ރޯމް (މާޗް 5): އިޓަލީގައި އިއްޔެ ބޭއްވި އާއްމު އިންތިހާބުގައި އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ލިބިފައި ނުވާ ކަމަށް ވަގުތީ ނަތީޖާ އިން ދައްކައިފި އެވެ.

އިޓަލީގެ ދައުލަތުގެ މީޑިއާ އިން ބުނި ގޮތުގައި ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި މަޖިލީހުގެ ތިރީގެއިން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރާނީ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބަރްލަސްކޯނީގެ ސެންޓާ ރައިޓް ކޯލިޝަނުންނެވެ. އެކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ތެރޭގައި ބަރްލަސްކޯނީގެ ޕާޓީ ފޯޒާ އިޓާލިއާ އާއި އިމިގްރޭޝަނާ ދެކޮޅު، ލީގް އާއި ކަނާތު ފިޔައިގެ ބްރަދާސް އޮފް އިޓަލީ ހިމެނެ އެވެ.

އެކޯލިޝަނަށް 248 އާއި 268 އާ ދެމެދުގެ ގޮނޑި ލިބޭނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް އެއީ މެޖޯރިޓީ ހޯދުމަށް ބޭނުންވާ 316 ގޮނޑިއަށް ވުރެ މަދު އަދަދެކެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެނަތީޖާގެ ސަބަބުން އިޓަލީގައި އާ ކޯލިޝަން ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ދެމިގެންދާނެ އެވެ. އަދި އެހެން ނަތީޖާއެއް ހޯދުމަށް ޓަކައި އާ އިންތިހާބެއް ބޭއްވުމުގެ ފުރުސަތު އޮތް ކަމަށް ވެސް އެރިޕޯޓުތަކުގައިވެ އެވެ.

ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި އިޓަލީގެ އިންތިހާބުގައި ދެވަނަ އަށް އެންމެ ގިނަ ވޯޓު ކާމިޔާބު ކުރީ ޔޫރަޕިއަން ޔޫނިއަންއާ ދެކޮޅު ފައިވް ސްޓާ މޫވްމެންޓުންނެވެ. އެޕާޓީއަކީ ކޯލިޝަނެއް ހެދުމަކާ ނުލައި އިންތިހާބުން އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރާނެ ޕާޓީއަށް ވެގެން ދާނެ ކަމަށް ނަތީޖާއިން ދައްކަ އެވެ. އެގޮތުން އެޕާޓީއަށް 216 އާއި 236 އާ ދެމެދުގެ ގޮނޑި ލިބޭނެ ކަމަށް ވަގުތީ ނަތީޖާއިން ލަފާ ކުރެވެ އެވެ.

އިޓަލީގައި މިހާރު އޮތް ސެންޓާ ލެފްޓް ކޯލިޝަނަށް ލިބިފައި ވަނީ ތިން ވަނަ އެވެ. އެގޮތުން އެޕާޓީއަށް ގާތްގަނޑަކަށް 127 ގޮނޑި ލިބޭނެ ކަމަށް ނަތީޖާ އިން ދައްކަ އެވެ. އެކޯލިޝަނަށް ތާއިދު ނުލިބުނު ސަބަބުތަކުގެ ތެރޭގައި އެގައުމުގައި ވަޒީފާގެ ފުރުސަތުތައް މަދު ވުމާއި އިމިގްރޭޝަން ސިޔާސަތުތައް ހިމެނޭ ކަމަށް ގިނަ ފަރާތްތަކުން ބުނެ އެވެ. (ބީބީސީ)