23 Aug 2011, 13:48
މޫނު ނިވާކޮށްގެން ތިބި ބަޔަކު ހއ. ހޯރަފުށީ ހޮސްޕިޓަލުގެ އަންހެން ޑޮކްޓަރަކަށް ވަޅިން ބިރުދައްކައި ޖިންސީ ގޯނާ ކުރަން އުޅުމުގެ ތުހުމަތުގައި 11 މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ 11 މީހުންގެ ތެރޭ 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ވެސް ހިމެނޭ ކަމަށާއި އެކަން އިތުރަށް ތަހުގީގު ކުރަމުން އަންނާތީ އިތުރު މަޢުލޫމާތު ދެވެން ނެތް ކަމަށެވެ. ހައްޔަރު ކޮށްފައި ވަނީ މުޅިން ހޯރަފުށީ މީހުން ކަމެއް ވެސް ފުލުހުން އޮޅުން ފިލުވައެއް ނުދެ އެވެ.
ހޯރަފުށީ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އިންޑިޔާގެ ގައިނަކޮލޮޖިސްޓެއް ކަމަށް ޑރ.ޑީޕަލީ 30، އަކީ އެރަށު ގެއެއްގައި އެކަނި ދިރިއުޅުއްވާ ޑޮކްޓަރެއް ކަމަށެވެ. އަދި ބުނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު ޑޮކްޓަރަށް ބިރު ދައްކައި ޖިންސީ ގޯނާ ކުރަން މަސައްކަތް ކޮށްފައި ވަނީ ރޭ 10:15 އެހާކަންހާއިރު ޑިއުޓީ ނިންމަވާލެއްވުމަށް ފަހު ޑޮކްޓަރު ގެއަށް ވަދެވަޑައިގަންނަވަން އުޅުއްވަނިކޮށް ކަމަށެވެ.
ޑރ. ޑިޕަލީއަށް ބިރު ދައްކައި ޖިންސީ ގޯނާ ކުރަން އުޅުނުކަން އެ ރަށުގެ މީހުންނަށް އެނގުނީ ޑޮކްޓަރާ ދިމާކޮށް ވަށައިލި މީހުންގެ ކިބައިން ސަލާމަތްވާން ޑޮކްޓަރު މަސައްކަތް ކުރެއްވި އަޑު ބަޔަކަށް އިވިގެން އެގެއަށް ދިއުމުންނެވެ.
ރޭގެ އެ ހާދިސާގައި ޑރ. ޑީޕަލީއަށް ކުދިކުދި ޒަހަމްތައް ލިބިފައިވާއިރު މޫނުމަތި ވަރަށް ބޮޑަށް ދުޅަވެފައިވާ ކަމަށް ވެސް ހޯރަފުށީ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. ޑރ. ޑީޕަލީ އަކީ ހޯރަފުށީ މީހުންގެ މަގުބޫލުކަން ވަރަށް ބޮޑަށް ހޯދާފައިވާ ހަށިގަނޑު ދޮން ގައިނަކޮލޮޖިސްޓެކެވެ. ނަމަވެސް ރޭގެ ހާދިސާއަށް ފަހު ޒުވާން ޑޮކްޓަރު މިއަދު ވަޒީފާއަކަށް ނުނުކުންނަވަ އެވެ.
ހޮސްޕިޓަލުން ބުނީ ޑޮކްޓަރު އެ ރަށުގައި މަސައްކަތް ކުރައްވާތާ އަހަރަކާ ގާތްވެފައިވާ ކަމަށާއި އަންނަ މަހު އެ ޑޮކްޓަރުގެ ކޮންޓްރެކްޓް ހަމަވާނެ ކަމަށެވެ. އަދި މުއްދަތު އިތުރުކުރަން ޑޮކްޓަރު ބޭނުންފުޅު ނުވާ ކަމަށާއި މިހާދިސާ ހިންގީ އަންނަ މަހު ރާއްޖެ ދޫކޮށް ޑޮކްޓަރު ފުރުއްވަން ހަމަޖެހިފައިވަނިކޮށް ކަމަށެވެ.