މާލޭ ލީގުގެ ފުރަތަމަ ދެ ހަފްތާގެ ކުޅުން ނިމިފައިވާއިރު، އެންމެ ކާމިޔާބުކަމާއެކު ދެ ހަފްތާ ނިންމާލި އެއް ކުޅުންތެރިއަކަށް ވެގެންދާނީ ޔުނައިޓެޑް ވިކްޓްރީ (ޔުވީ)ގެ ޓްރިނިޑާޑް އެންޑް ޓޮބާގޯ ފޯވަޑް ސައިމަން ޓިބޯ ސޯޑާސްއެވެ.

ރާއްޖޭގެ ފުޓުބޯޅަ ދަނޑުން މުޅިން އަލަށް ފެންނަ ކުޅުންތެރިއެއް ނަމަވެސް އޭނާގެ ކުޅުމުން އެ ބީރައްޓެހިކަމެއްް ނުފެނެއެވެ. ކުޅުނު ފުރަތަމަ މެޗުގައި ކްލަބު ވެލެންސިއާއާ ކޮޅަށް ދެ ގޯލް ޖެހުމުގެ އިތުރުން ސައިމަންވަނީ މިދިޔަ ހަފްތާގެ މެޗުގައިވެސް ވިކްޓްރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

ސައިމަން އޭނާގެ ގޯލަށްފަހު އުފާ ފާޅުކުރަނީ ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މިވަގުުތު ލީގުގައި އެންމެ ރަނގަޅު ފޯމުގައި ހުރި އެއް ކުޅުންތެރިޔާ ކަމަށްވާ ސައިމަންވަނީ ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު 'ސަން ސްޕޯޓްސް' އަށް އޭނާ ރާއްޖޭގައި ކުރަމުންދާ ތަޖުރިބާ ހިއްސާކޮށްފައެވެ.

"ފުރަތަމަ މެޗުން ފެށިގެންވެސް އަހަންނަށް ރާއްޖެ އަލެއް ނުވި. އެއްވެސް މީހަކު ގޯސް ނަޒަރަކުން އަހަންނަށް ނުބަލާ. ގޯސް އެއްޗެއްވެސް ނުބުނޭ. އަހަންނަށް އަމިއްލަ ގައުމުގައި ކުޅުމުގެ އިހުސާސް ކުރެވެނީ. ފިނި ހޫނުމިންވެސް އެ ލެވެލްގައި ހުންނާތީ. އަހަންނަށް ދިވެހިރާއްޖެ ވަރަށް ކަމުދޭ. ވިސްނާނީ ކުރިއަށް،" ސައިމަން ބުންޏެވެ.

ސައިމަން ބުނީ ކުޅުންތެރިންނާއެކު ފަރިތަކުރުންތައް ކުރިއަށްދާ ވަރަކަށް ހިތްހަމަ ޖެހުން ލިބޭ ކަމަށާއި ކޯޗު އިތުބާރަކީ އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށެވެ.

"ކުޅުންތެރިންނާއެކު ފަރިތަކުރަމުންދާ ވަރަކަށް ހިތްހަމަ ޖެހުން ލިބޭ. އަހަރެން އަބަދުވެސް މަސައްކަތް ކުރަނީ ކުރިއެރުމަށް. ކަންތައްތަކެއް ދަސް ކުރުމަށް. ކޯޗު ވަރަށް ބޮޑަށްް އިތުބާރު ކުރޭ އަހަންނަށް. އަހަރެން ވަރަށް އުފަލުގައި މިހުރީ. ޓީމާ މެދު ވަރަށް ހިތްހަމަ ޖެހޭ،" ސައިމަން ފާހަގަކުރިއެވެ.

އެސްޓީއޯ މާލެ ލީގުގައި ޔުނައިޓެޑް ވިކްޓަރީ އާއި ވެލެންސިޔާ ބައްދަލުކުރި މެޗުގެ ތެރެއިން: 3-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބް ކުރީ ޔޫވީއިން---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ސައިމަން ބުނީ ކުރިއަށް އޮތް މެޗުތަކުގައިވެސް ވިސްނާނީ އިތުރު ގޯލްތަކެއް ޖަހަން ކަމަށާއި، ކުރިއަށްދާނީ މެޗަކަށްފަހު މެޗެއް ކަމަށެވެ.

"މެޗަކަށްފަހު މެޗެއް ވިސްނާނީ. ކުރިއަށްދާން. އިތުރު ގޯލްތައް ޖަހަން. ޖެހުނު އެންމެ ގިނަ އަދަދަކަށް ގޯލް ޖަހަން ތައްޔާރު،" ސައިމަން ނިންމާލަމުން ފާހަގަކުރިއެވެ.

މިހާތަނަށް ލީގުގައި ކުޅުނު ދެ މެޗުން ދެ ގޯލް ޖަހައިފައިވާ ސައިމަންވަނީ ދެ މެޗުގެވެސް މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.

ޔޫވީއަށް އަންނަ ހަފްތާގައި ލީގު މެޗެއް ނޯންނާނެއެވެ. ދެން ޔޫވީއަށް މެޗެއް އޮންނާނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.