05 Mar 2018, 11:08
ހޮލީވުޑަށް މިއަދަކީ ބޮޑު ދުވަހެކެވެ. އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ އެކެޑެމީ އެވޯޑު ނުވަތަ އޮސްކާ އެވޯޑު ހަފްލާ މިއަދު ބޭއްވި އިރު، މި އެވޯޑު ހަފްލާގެ ރެޑްކާޕެޓަކީ އަބަދު ވެސް ގިނަބަޔަކު އިންތިޒާރުކުރާ އިވެންޓެކެވެ.
ހާއްސަކޮށްް އެންމެ ފޭވަރިޓް ތަރިން ލައިގެން ތިބީ ކޮންކޮން ހެދުމެއްތޯ ބަލަން ބޭނުންވާ މީހުންނާއި ސެލެބްރިޓީންގެ ހެދުން އެޅުމުން އިންސްޕަޔާވެގެން ހެދުން ފަހާ ޑިޒައިނަރުންނަށް މިއީ އެންމެ މުހިއްމު އެއް ވަގުތުކޮޅެވެ.
މި އަހަރުގެ އޮސްކާގައި އެންމެ ފާހަގަވިކަމަކީ މި އަހަރު ބޭއްވި ބަފްޓާ އެވޯޑާއި ގޯލްޑަން ގްލޯބް އާ ހިލާފަށް ކޮންމެ ތަރިއަކު ވެސް ރީތި ކުލައެއްގެ ހެދުމަކުން ފެނިގެން ދިއުމެވެ. ހޮލީވުޑުގައި އޮތް ޖިންސީ ފުރައްސާރައިގެ އާދައާ ދެކޮޅަށް ކުރާ ޓައިމްސް އަޕް އަދި މީޓޫ ކެމްޕެއިނަށް ސަޕޯޓުދިނުމަށް ކުރީގެ ދެ އެވޯޑަށް ގިނަ ތަރިން ދިޔައީ ކަޅުހެދުމުގަ އެވެ.
ކޮންމެ އަކަސް މިފަހަރުގެ އޮސްކާ ހަފްލާގެ ރެޑް ކާޕެޓުން އެންމެ ފާހަގަކުރެވުނު ހެދުންތަކަކީ މިއީ އެވެ.
1. ނިކޯލް ކިޑްމަން:ނިކޯލް ކިޑްމަން އޮސްކާ ރެޑް ކާޕެޓަށް ދިޔައީ ނޫކުލައިގެ ބޯލްޑް، ބޯވްޑް ފްރޮކް އެއްގަ އެވެ. އަރްމާނީ ޕްރީވް މި ގައުން އަކީ ގަދަ ނޫކުލައިގެ ހެދުމެކެވެ. ކުރިމަތިން ފަޅާލާފައިވާ އިރު، ކުރިމަތީގައި ބޮޑު ބޯ ޓައިއެއް އިނެވެ.
2. މާގޮޓް ރޮބީ:މާގޮޓް ލައިގެން ހުރީ ހުދު ކުލައިގެ އޯއުޓް ކުޓުއާ އެކެވެ. އަތުގައި އޮތް ސިލްވާ ކްލަޗްއިން ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނެވެ.
3. ސޭންޑްރާ ބުލޮކް:ލުއި ވިޓޮން ހޯލްޓާ ނެކް ގައުން އެއްގައި ސޭންޑްރާ ހުރި އިރު ކަޅު އަދި ގޯލްޑު ކުލައިގެ މި ވިދާ ހެދުމާ އެކު އޭނާ ހިފައިގެން ހުރީ ގޯލްޑު ކުލައިގެ ކްލަޗް އެކެވެ.
4. އެލިޒަބަތް ޗެމްބާސް އަދި އާމީ ހެމާ:އާމީ ހެމާ އޮސްކާ ރެޑް ކާޕެޓަށް ގޮސް ހުރީ ގަދަ ރަތްކުލައިގެ ވެލްވެޓް ޓަކްސެޑޯއެއްގަ އެވެ. ހުދު ގައިމީހެއްގައި ކަޅު ބޯޓައިއެއް އަޅާފައި ހުރި އިރު، އާމީގެ އަންހެނުން އެލިޒަބަތް ލައިގެން ހުރީ ކަޅު ކުލައިގެ އޮފް ޝޯލްޑާ ސިލްކް ގައުންއެކެވެ.
5. އެމާ ސްޓޯން:އެމާ މިފަހަރުގެ އެވޯޑު ރެޑް ކާޕެޓަށް ގޮސް ހުރީ ލުއިވިޓޮންގެ ކަސްޓަމް މޭޑް ސުއިޓެއްގަ އެވެ.
6. ގްރޭޓާ ގާވިގް:ބެސްޓް ޑައިރެކްޓާގެ ކެޓަގަރީ އިން ނޮމިނޭޓުވި ގްރޭޓާ ލައިގެން ހުރީ ރީނދޫ ކުލައިގެ ފްލޯރަލް ގައުންއެކެވެ.
7. ޖީނާ ރޮޑްރީގަސް:ޖީނާ ފެނިގެން ގޮސްފައި ވަނީ ޒުހައިދް މުރާދުގެ 2018 ސްޕްރިންގް ކަލެކްޝަން ގަކުޓުއާ އެއްގަ އެވެ.
8.ހެލެން މިރެން:2007 ވަނަ އަހަރު އޮސްކާ އެވޯޑު އުފުލާލި ހެލެން ލައިގެން ހުރީ ރެގަލް ބްލޫ ހެދުމެކެވެ. ހަމަ އެކުލައިގެ ކްލަޗް އަކާ އެކު ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނީ ކަރުގައި އޮތް ފަށެވެ.