05 Mar 2018, 08:58
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ގައުމީ 9 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ހުސައިން ސަނީފް ހޯދައިފިއެވެ.
އެ މުބާރާތުގެ ޗެމްޕިއަންކަން ސަނީފް ހޯދީ އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު ފައިނަލް މެޗުގައި އަހުސަން ހާޝިމް ބަލިކޮށްގެންނެވެ.
ފައިނަލްގައި ސަނީފްއާ ދެކޮޅަށް ނުކުތް އަހުސަންއަކީ އެމްޕީބީއޭ ކްލަބު ރޭންކިންގެ ފަސްވަނައިގައި އޮތް ކުޅުންތެރިޔާގެ އިތުރުން ގައުމީ ބިލިއާޑް ޓީމުގައިވެސް ހިމެނޭ ކުޅުންތެރިއެކެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސަނީފްއަކީ އެމްޕީބީއޭ ކްލަބު ރޭންކިންގެ 13 ވަނައިގައި އޮތް ކުޅުންތެރިޔާއެވެ.

ގައުމީ 9 ބޯލް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސަނީފް(ކ) އާއި ރަނަރަޕް އަހުސަން(ވ) --- ފޮޓޯ/ އެމްޕީބީއޭ
އެ މުބާރާތުގެ ތިންވަނަ މަގާމު ހޯދީ މުހައްމަދު ދުންޔާޒެވެ. އެންމެ އުންމީދީ ކުޅުންތެރިޔަކަށް މަސްއޫދު އިބްރާހިމް ހޮވުނު އިރު، މުބާރާތުގައި އެންމެ ގިނަ ރަންއައުޓް ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ހަސަން ޝާޒް މުހައްމަދެވެ.
އެ މުބާރާތުގެ ހަތަރުވަނައިން ފެށިގެން އަށްވަނައަށް ހޮވުނު ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ހުސައިން ފަޔާޒާއި، މުހައްމަދު ޝަރީފާއި، އަހްމަދު ޝަރީފް ހުސައިންއާއި، ހަސަން ޝާޒް މުހައްމަދު އަދި އިސްމާއިލް ސުވައިދެވެ.