23 Aug 2011, 13:38
އިސްލާމްދީން ކުރިއަރުވައި ދީން ޕްރޮމޯޓް ކުރުމަށް، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދު ހުރަސްއަޅާ ކަމަށް ބުނެ، އެ ގަވާއިދު ގެޒެޓުކޮށް ތަންފީޒު ކުރުމާ ދެކޮޅަށް މަދަނީ ޖަމްއިއްޔާތަކުން އަޑުއުފުލަން ފަށައިފި އެވެ.
މީގެ 15 ވަރަކަށް އަހަރު ދުވަސް ކުރިން ފެށިގެން އަމަލުކުރަމުން އަންނަ ދީނީ އެއްބައިވަންތަކަށް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ބާރުލިބިގެން އެކުލަވާލާފައިވާ އެ ގަވާއިދާ ގޫޅޭ ގޮތުން އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް (އައިއެމްއެފް)ގެ ރައީސް އިބްރާހިމް ފައުޒީ ވިދާޅުވީ އެ ގަވާއިދު ސަރުކާރުން ގެޒެޓް ކޮށްގެން ނުވާނެ ކަމަށާއި އަދި އެކަމަށް ގާނޫނު ވެސް ތަން ނުދޭ ކަމަށެވެ.
"މީގެ އެތައް އަހަރެއް ކުރިން ހަދާފައިވާ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަކުން ބާރުލިބިދީގެން ހަދާ ގަވާއިދަކީ ބާތިލް ގަވާއިދެއް،" ފައުޒީ ވިދާޅުވި އެވެ. "އަޅުގަނޑުމެން އެތައް ގާނޫނީ ވަކީލުންނަކާ ވާހަކަ ދެއްކިން. އެބޭފުޅުން ވެސް އަޅުގަނޑުމެންނަށް މިލަފާ ދެއްވާފައި ވަނީ. ފެހި ގާނޫނު އަސާސީން ކަށަވަރު ކުރާ އެތައް ހައްގެއް ނިގުޅައި ގަނެވިފައިވާ ގާނޫނެއްގެ ދަށުން ހެދޭ ގަވާއިދެއް ގެޒެޓް ކުރެވޭނެ އުސޫލެއް ނެތް ކަމަށް. އެކަމަކީ ކުރެވޭނެ ކަމެއް ނޫން،" ފައުޒީ ވިދާޅުވި އެވެ.
މުޖުތަމައު ހޭލުންތެރިކުރުމަށް ޓަކައި ފަހަކަށް އައިސް ގިނަ މަސައްކަތްތަކެއް ކުރާ އައިއެމްއެފްގެ ރައީސް ވިދާޅުވީ ގާނޫނީ އަސާސީގެ 27 ވަނަ މާއްދާ އިން ލިބޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެ ގަވާއިދުން ވަރަށް ބޮޑަށް ހަނިވުމުގެ ބިރު އެބައޮތް ކަމަށެވެ.
"މީގެ ކުރިން ގެޒެޓް ކުރަން ފޮނުވި ގަވާއިދުގައި އެބައޮވޭ އުމުރުން 25 އަހަރުވެފައިވާ މީހަކަށޭ ދީނީ ނަސޭހަތްދެވޭނީ. އެކަމަކު ގާނޫނު އަސާސީގައި ވަރަށް ފުޅާކޮށް އޮތް ހައްގެއް ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަކީ. މި އެބައި ހަނިވޭ ދެއްތޯ؟،" ފައުޒީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ކުރީގެ ސަރުކާރުން ސިޔާސީ އެކި ބޭނުންތަކަށް ދީނީ އިލްމުވެރިން ޖަލަށްލައި ނުހައްގުން އަދަބުދީފައިވާ ކަމަށާއި ނުހައްގުން އަދަބުލިބިފައިވާ އެފަދަ އިލްމުވެރިންނަށް ތަގުރީރު ކުރުމުގެ ހުއްދަ ނުލިބޭ ގޮތަށް އެ ގަވާއިދު ބައްޓަން ވެގެން ހިނގައިދާނެތީ ކަންބޮޑުވާ ކަމަށެވެ.
"އެ ގާނޫނުގެ ދަށުން އެބަ ހުރި ޝަރީއަތްކޮށްފައި އިލްމްވެރިންގެ މައްޗަށް. އެގޮތަށް އެކަން އޮތް އިރު އެފަދަ ޝޭހުންގެ ހުއްދަ ނުލިބޭ ގޮތަށް އޮތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" ފައުޒީ ވިދާޅުވި އެވެ.
އެ ގަވާއިދު ގެޒެޓު ކުރުމަށް މިދިޔަ އަހަރު އިސްލާމިކް މިނިސްޓްރީން ރައީސް އޮފީހަށް ފޮނުވުމުން އެ ގަވާއިދުގައި "ޕޮލިސީ މައްސަލަތަކެއް ހުރިކަމަށް" ބުނެ ވަނީ ގަވާއިދު ގެޒެޓް ނުކޮށް އަނބުރާ ފޮނުވައިލައިފަ އެވެ.
ނަމަވެސް އެ ގަވާއިދު އިސްލާހުކޮށް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގެޒެޓުކުރުމަށް ސަރުކާރުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ޖަމިއްޔަތުލް ސަލަފުން ވެސް ބުނެފައި ވަނީ އެ ގަވާއިދު ވަކި މީހެއްގެ ހިޔާލާއި ފިކުރަށް ބައްޓަން ވެދާނެތީ އެކަމާ މެދު ކަންބޮޑުވާ ކަމަށެވެ.
މިދިޔަ ހަފްތާގައި އެ ޖަމްއިއްޔާ އިން ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުވި ދެ ސޮފްހާގެ ސިޓީއެއްގައި ބުނެފައި ވަނީ ރާއްޖޭގައި ތިއްބެވި ދީނީ އިލްމްވެރިންގެ މަޝްވަރާއެއް ނެތި ބައްޓަން ކޮށްފައިވާ އެ ގަވާއިދުން އިސްލާމް ދީން ހިމާޔަތްވުމުގެ ބަދަލުގައި އިހުލާސްތެރިކަމާ އެކު ދީނަށް އުޅުމުގެ މަގު ހަނިވެގެން ހިނގައިދާނެ ކަމަށެވެ.
"... މި ގަވާއިދަކީ އިސްލާމްދީނުގެ ދޮރުތައް ހަނިކޮށް އެހެން ސަގާފަތްތަކާއި ދީންތަކަށް ތަނަވަސްކުރެވޭ، އަދި މާނައެއް ނެތް ގަވާއިދަކަށް ވުމަކީ ގާތްކަމެކެވެ،" އެ ޖަމްއިއްޔާގެ ސިޓީގައިވެ އެވެ.
އެ ޖަމްއިއްޔާ އިން ރައީސް އަށް ފޮނުއްވި ހިޔާލުތަކުގެ ތެރޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ހިޔާލުފާޅުކުރެވޭނެ ފުރުސަތެއް ނުދިނުމާއި އެހެން ބަޔެއްގެ ސަގާފަތްތައް ވެއްދުމަށް ފުރުސަތެއް ނޯންނާނެ އަދި ދީނީ ދަންނަބޭކަލުންނަށް ތަނަވަސް ގޮތުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރު ކުރާ މާއްދާތައް އެ ގަވާއިދުގައި ހިމެނުމަށް ވަނީ ގޮވާލައިފަ އެވެ.
އެގަވާއިދު ގެޒެޓުކުރަން އުޅުމުން މީގެ ކުރިން ވެސް މަދަނީ ޖަމްއިއްޔާތަކުން ވަނީ އެކަމަށް ދެކޮޅުހަދާފަ އެވެ.