05 Mar 2018, 01:21
މަތީ ސާނަވީ ތައުލީމް، އޭ ލެވެލް އިމްތިހާނުން އެއްވަނަ 44 ދަރިވަރަކު ހާސިލްކޮށްފިއެވެ.
މިއަހަަރުގެ ޓޮޕްއެޗީވާސް އެވޯޑް ދިނުމަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވަނީ މަތީ ސާނަވީ ތައުލީމް، އޭލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް އިނާމާއި އެވޯޑްތައް އަރުވައިފައެވެ.
މިރޭގެ ރަސްމިއްޔާތުގައި އެއްވަނަ ހާސިލްކުރި 44 ދަރިވަރުންގެ ތެރެއިން، ފަސްމާއްދާއިން އޭ ސްޓާ ހޯދި ތިން ދަރިވަރަކަށް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސްކޯލާޝިޕްވެސް ހަވާލުކޮށްފައެވެ.
ޓޮޕްއެޗީވާޒް އެވޯޑް ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޑރ. އައިޝަތު ޝިހާމް ވާހަަކަދައްކަވަނީ-- ސަން ފޮޓޯ: ފަޔާޒު މޫސާ
ސްކޯލާޝިޕް ހާސިލް ކުރި ދަރިވަރުން
- އައިޝަތު އަޒްމާ- ސީއެޗްއެސްއީ
- ފާތިމަތު ސައީދު- ސީއެޗްއެސްއީ
- މަރިޔަމް މަލްސާ ލިޝާމް- ސީއެޗްްއެސްއީ
ޓޮޕްއެޗީވާޒް އެވޯޑް ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ
ޓޮޕް އެޗީވާސްގެ ގޮތުގައި ދެވަނައަށް 33 ދަރިވަރުން ހޮވުނުއިރު ތިން ވަަނައަށް ވަނީ ހަތް ދަރިވަރުން ހޮވިފައެވެ. އޭގެ އިތުރުން އެޑެކްސަލް ހައި އެޗީވާސްގެ އެވޯޑްވަނީ ހަތަރު ދަރިވަރުން ހާސިލްކޮށްފައެވެ.
އެކި މާއްދާތަކުން ދުނިޔޭގެ ފެންވަރުގައި އެންމެ މަތީ މާކްސް ހާސިލްކޮށްގެން، ރާއްޖޭގެ ހަ ދަރިވަރަކު މިރޭގެ ހަފުލާގައި ވަނީ އެވޯޑްހާސިލްކޮށްފައެވެ.
ޓޮޕްއެޗީވާޒް އެވޯޑް ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ
މިރޭގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި މަތީ ސާނަވީ ތައުލީމްގައި ދަރިވަރުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައިވާ ކަމަށެވެ.
" ފާއިތުވި އަހަރުގައި ޖޫންގައި ބޭއްވި އިމްތިހާނުން ފަސް މާއްދާއިން އޭ ފާސް ހޯދައިގެން އެއް ވަނައަށް އައި ދަރިވަރުންގެ އަދަދު ބޮޑު ތަނަކުން އިތުރުވެފައިވާ ކަން އުފަލާއެކު ފާހަނގަކުރަން،" ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ.
ޓޮޕްއެޗީވާޒް އެވޯޑް ދިނުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ
ދެހާސް ތޭރަވަނަ އަހަރު މަތީ ސާނަވީ އިމްތިހާނުގެ އެއްވަނަ ދަރަޖައަށް 11 ދަރިވަރުން ހޮވުނުނަމަވެސް މިއަހަރު އެ މަގާމަށް 44 ދަރިވަރުން ހޮވުނުކަން، ޑރ. އައިޝަތު ޝިހާމްގެ ވާހަކަފުޅުގައި ވަނީ ފާހަަގަކުރައްވައިފައެވެ.