04 Mar 2018, 23:32
ކެރިއަރުގައި އާޖެންޓީނާ ތަރި ލިއޮނެލް މެސީ ކާމިޔާބުކުރި 600 ވަނަ ލަނޑުން އެތުލެޓިކޯ މެޑްރިޑް އަތުން މޮޅުވެ، ސްޕެނިޝް ލަލީގާގައި ބާސެލޯނާއިން އަށް ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި ބާސާ މިރޭ ކުޅުނު މެޗުގައި އެތުލެޓިކޯގެ މައްޗަށް ކުރި ހޯދާފައިވަނީ 1-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފައިހައްޓައިގެން ބާސާއިން މޮޅު ކުޅުމެއް ދައްކާފައިވެއެވެ.
އެ މެޗުގެ 21 ވަނަ މިނެޓުގައި މެސީގެ ހަމަލާއެއް ފެނިގެންދިޔައެވެ. އެތުލެޓިކޯގެ ތިން ކުޅުންތެރިން ވަށާލާފައި ވަނިކޮށް، ހުނަރު ދައްކާލުމަށްފަހު އެ ކުޅުންތެރިން ކައިރިން ނައްޓާލައި ޕެނަލްޓީ އޭރިއާ ބޭރުން މެސީ ފޮނުވާލި ހަމަލާ އަމާޒުވީ އެތުލެޓިކޯގެ ކީޕަރު ޖޭން އޮބްލަކްއާ ދިމާލަށެވެ.

ސްޕެނިޝް ލަލީގާގައި އެތުލެޓިކޯއާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 1-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
ބާސާއަށް މެސީ ލީޑު ހޯދައިދިނީ މެޗުގެ 26 ވަނަ މިނެޓުގައެވެ. މެސީ ފޮނުވާލި ހިލޭ ޖެހުން އޮބްލަކްގެ އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ މަތީ ކަނަކަށެވެ. އެއީ މެސީގެ ފުޓްބޯޅަ ކެރިއަރުގައި އެތުލެޓިކޯ ކޮޅަށް ޖެހި 28 ވަނަ ލަނޑެވެ. އަދި އޭނާގެ ކެރިޔަރުގައި ކާމިޔާބުކުރި 600 ވަނަ ލަނޑެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާގެ ބްރެޒިލް މިޑްފީލްޑަރު ފިލިޕް ކުޓީނިއޯއަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ކުޓީނިއޯ ފޮނުވާލި ދެ ހަމަލާވެސް އެތުލެޓިކޯގެ ކީޕަރު އޮބްލަކް ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފަށްވުރެ ދެވަނަ ހާފުގައި އެޓުލެޓިކޯގެ ކުޅުން ރަނގަޅަށެވެ. ނަމަވެސް އެތުލެޓިކޯގެ ފޯވަޑް ލައިނަށް ޖަރުމަން ކީޕަރު މާކް އަންދްރޭ ޓާ ސްޓެގަން ބަލަހައްޓަމުންދިޔަ ބާސާގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ.

ސްޕެނިޝް ލަލީގާގައި އެތުލެޓިކޯއާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބާސާ މޮޅުވީ 1-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ
މެޗުގެ 79 ވަނަ މިނެޓުގައި ބާސާއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މެސީ ނަގައިދިން ކޯނަރަކުން ބާސާގެ ސްޕެއިން މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އެތުލެޓިކޯގެ ކީޕަރު އޮބްލަކްއެވެ.
ސްޕެނިޝް ލަލީގާގެ އެއްވަނައިގައި ކުޅުނު 27 މެޗުން ލިބުނު 69 ޕޮއިންޓާއެކު ބާސާ އޮތް އިރު، ދެވަނައިގައި އޮތް އެތުލެޓިކޯއަށް 27 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 54 ޕޮއިންޓެވެ.