ބްރައިޓަން އެންޑް ހޯވް އަލްބިއޮން އަތުން ވެސް ބަލިވެ، އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް މަސައްކަތްކުރަމުންދާ އާސެނަލާއި ކޯޗު އާސެން ވެންގާއަށް އިތުރު ޕްރެޝަރަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ރަށުން ބޭރުގައި މިއަދު ކުޅުނު ލީގު މެޗުގައި ބްރައިޓަން އަތުން އާސެނަލް ބަލިވެފައިވަނީ 2-1ގެ ނަތީޖާއަކުންނެވެ. ބްރައިޓަންއަކީ މިސީޒަނުގެ ޕްރިމިއާ ލީގުގައި އަލަށް ވާދަކުރަމުންދާ ޓީމެކެވެ.

މެޗުގެ ހަތްވަނަ މިނެޓުގައި ބްރައިޓަނުން ވަނީ އާސެނަލް ކޮޅަށް ލަނޑު ޖަހައި ލީޑު ހޯދައިފައެވެ. ޝޭން ޑަފީ ދިން ބޯޅައަކުން ބްރައިޓަންއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ޑިފެންޑަރު ލެވިސް ޑަންކްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އާސެނަލްގެ ގޯލުގެ ކައިރިން ފޮނުވާލި ހަމަލާއަކުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ބްރައިޓަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އާސެނަލް ބަލިވީ 2-1ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އެ ލަނޑަށްފަހު ވެސް ބްރައިޓަންއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މެޗުގެ 18 ވަނަ މިނެޓުގައި ބްރައިޓަންއަށް ލިބުނު ކޯނަރަކުން ޑަންކްއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އިރު، މެޗުގެ 20 ވަނަ މިނެޓުގައި އެންތޮނީ ނޮކްއާޓްއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ.

އާސެނަލަށް ތަފާތު ނުދެއްކި އުޅެނިކޮށް، ބްރައިޓަނުން ވަނީ މެޗުގެ 26 ވަނަ މިނެޓުގައި ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ޕަސްކަލް ގްރޮބް ނަގައިދިން ހުރަހަކުން ބްރައިޓަންއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވަޑް ގްލެން މުރޭއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލުން ވަނީ ލަނޑެއް ޖަހައި ބްރައިޓަނުން ދަމަހައްޓަމުންދިޔަ ލީޑު ހަނިކޮށްފައެވެ. ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، ގްރެނިޓް ޒަކާ ދިން ބޯޅައަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖެނުއަރީ ޓްރާންސްފާގައި އެޓީމާ ގުޅުނު ގެބޯން ފޯވަޑް ޕިއެރޭ އެމެރިކް އޮބަމަޔާންއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލާއި ބްރައިޓަން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން އާސެނަލް ބަލިވީ 2-1ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގެ ދެވަނަ ހާފުގައި އާސެނަލަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް، ބްރައިޓަންގެ ގޯލުގެ ތެރެއަށް ބޯޅައެއް އެތެރެކޮށްލެވިފައެއް ނުވެއެވެ. ދެވަނަ ހާފުގައި އާސެނަލްގެ އޮބަމަޔާންއާއި މެސުޓް އޮޒިލް އަދި ޖެކް ވިލްޝެއާއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ލީގުގައި އާސެނަލް އޮތީ ހަވަނައިގައެވެ. އާސެނަލާއި ހަތަރުވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއާ ދެމެދު 13 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އާސެނަލް އަތުން މޮޅުވި ބްރައިޓަން އޮތީ ކުޅުނު 29 މެޗުން ލިބުނު 34 ޕޮއިންޓާއެކު ތާވަލުގެ ދިހަވަނައިގައެވެ.