ރާއްޖޭގައި އުފަންވާ ކުދިންގެ ތެރެއިން އައިބުތަކާއެކު އުފަންވާ ކުދިންގެ އަދަދު އިތުރުވާ ކަމަށް ރާއްޖޭގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ބުނެފިއެވެ.

އިއްޔެ މުޅި ދުނިޔޭގައި ފާހަގަކޮށްފައިވާ "ވޯލްޑް ބާރތު ޑިފެކްޓްސް ޑޭ"އާ ގުޅުވައިގެން މިއަދު އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހޮސްޕިޓަލުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި އައިޖީއެމްއެޗްގައި 4820 ކުދިން އުފަންވެފައިވާއިރު، އޭގެތެރެއިން 227 ކުދިންނަކީ އުފެދުމުގައި އައިބުކަން ހުންނަ ކުދިންނެވެ. އައިޖީއެމްއެޗް ނޫން އެހެން ހޮސްޕިޓަލް ތަކުން އެ މުއްދަތުގައި އެފަދަ 37 ކުއްޖަކު ވަނީ ފާހަގަ ކުރެވިފައެވެ.

އައިޖީއެމްއެޗުން ބުނީ މި ފަހަކަށް އައިސް ވިހެމުގައި މަރުވާ މައިންނާއި ކުދިންގެ އަދަދު މަދުވި ނަމަވެސް ދުވަހަކަށް ވުރެ ދުވަހެއް އައިބުތަކާއެކު އުފަންވާ ކުދިންގެ ނިސްބަތް އިތުރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

އައިޖީއެމްއެޗްގެ އޯކިޑް މާލަމްގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައިވަނީ އުފަންވާ ކުދިންގެ ކިބައިގައި ހުންނަ އައިބުތައް މަދުކުރުމަށް ހާއްސަ އެކްޝަން ޕްލޭނެއް އިފްތިތާހް ކޮށްފައެވެ. އެ ޕްލޭންގެ ދަށުން މާބަނޑު އިރު ކުދިންގެ ގައިގައި އައިބު ހުރިތޯ ޓެސްޓްކޮށް އެފަދަ ކުއްޖަކު އުފަން ވުމާއެކު އެ ކުދިންނަށް ފަރުވާދެވޭނެ އިންތިޒާމްތައް ހިމެނެއެވެ. އަދި މިކަމާބެހޭ މަުލޫމާތު އިތުރަށް ފޯރުކޮށްދިނުންވެސް އެ ޕްލޭންގެ ތެރޭގައި ހިމެނެއެވެ.

ރާއްޖޭގައި އުފަންވާ ކުދިންގެ ކިބައިން އާންމުގޮތެއްގައި ފާހަގަ ކުރެވޭ އައިބުތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ހިތުގެ މައްސަލަތަކެވެ. އެގޮތުން އުފެދުމުގައި ހިތުގެ މައްސަލަ ހުރި 102 ކުއްޖަކު އައިޖީއެމްއެޗްގެ ރެކޯޑް ތަކުގައި ވަނީ ރެކޯޑް ކުރެވިފައެވެ. އަދި މައިބަދައިގެ ކަށިތަކުގެ އުނިކަން ހުރި 43 ކުއްޖަކު ރެކޯޑް ކުރެވިފައިވާއިރު ކަރުންމަތީގެ ގުނަވަންތަކުގެ އުނިކަން ހުންނަ 34 ކުއްޖަކު ވަނީ ރެކޯޑް ކުރެވިފައެވެ. ހަޖަމަުގެ ނިޒާމުގެ އުނިކަން ހުންނަ 30 ކުއްޖަކު ފާހަގަ ކުރެވިފައިވާއިރު ޖިންސީ ގުނަވަން އުފެދުމުގައި އުނިކަން ހުރި 29 ކުއްޖަކު ވަނީ ރެކޯޑް ކުރެވިފައެެވެ.

ރާއްޖޭގައި މިއަދު ފާހަގަ ކުރެވުނު "ވޯލްޑް ބާރތު ޑިފެކްޓްސް ޑޭ"އަކީ ރަސްމީ ގޮތެއްގައި މިފަދަ ދުވަހެއް ފާހަގަ ކުރެވުނު ފުރަތަމަ ފަހަރެވެ. މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.