ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބަލައްހައްޓާ ސިފައިންނާ މާރާމާރީ ހިންގި ކަމުގެ ތުހުމަތު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފުގެ މައްޗަށް ފުލުހުން ކޮށްފި އެވެ.

މިހާރުވެސް ފުލުހުންގެ ބަންދުގައި ހުންނެވި މަހުލޫފާ، ފުލުހުން އެކަމާ ގުޅިގެން ސުވާލު ކުރުމުން އޭނާ ހަނުހުރުމުގެ ހައްގު ބޭނުން ކޮށްފައިވާ ކަމަށް ވަކީލު ނާޒިމް ސައްތާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ފުލުހުން ކުރި ތުހުމަތުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް އެ މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސް އަޅައި ސިފައިންނާ މާރާމާރީ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަމުންދާ ކަމަށެވެ.

ތުހުމަތު ކުރާ ގާނޫނު ނަމްބަރު

  • ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރު - މީހެއްގެ ރުހުމަކާއި ނުލައި އޭނާ ގައިގައި އަތްލުން
  • ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ (ހ) - ގާނޫނު ތަންފީޒުކުރާ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުމަށް ހުރަސް އެޅުން ނުވަތަ ހުއްޓުވުން
  • ގާނޫނުލްއުގޫބާތުގެ 533 ވަނަ މާއްދާގެ (ހ) - ތިމާއަށް އެނގި ހުރެ ގާނޫނުގެ ބާރު ހިންގުމަށް ނުވަތަ ދައުލަތުގެ މަސައްކަތް ކުރުމަށް ހުރަސް އެޅުމާއި އެކަން ވިޔަ ނުދިނުން

މެމްބަރުންތަކެއްގެ ވާހަކަ ތުހުމަތުގައި ފާހަގަކޮށްފައިވީ ނަމަވެސް މައްސަލާގައި މަހުލޫފުގެ އިތުރުން އެހެން މެމްބަރަކާ ފުލުހުން ސުވާލު ކުރި ކަމެއް އެނގިފައެއް ނުވެ އެވެ.

ބެލެވޭ ގޮތުން ފުލުހުން އެ ތުހުމަތު ކުރަނީ މަޖިލީހުގެ އިދާރާއަށް ގަދަ ކަމުން މެމްބަރުންތަކެއް ވަން މައްސަލައިގައެވެ.

މާލެތެރޭގައި އަމަން ނަގާލަން އުޅުމުގެ ތުހުމަތުގައި މީގެ ކުރިން ފުލުހުން މަހުލޫފާ ސުވާލު ކުރި އެވެ. މަހުލޫފު ހައްޔަރުކޮށްފައިވެސް ވަނީ އެމައްސަލައިގެ ތުހުމަތުގައި ކުއްލި ހާލަތުގެ ދަށުން މުޒާހަރާގައި އެމްޑީޕީ ހަރުގޭގައި ހުންނަވަނިކޮށެވެ.