ރައްޔިތުންނަށް ވޯޓުލެވޭ އިންތިހާބެއް ބާއްވައި ސުޕްރީމް ކޯޓަށް ފަނޑިޔާރުން ނަގާނަމަ ފަނޑިޔާރު ކަމަށް ވާދަކުރައްވާނެ ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައެއްގައި ކޯޓަށް ހާޒިރުވެ ބަޔާން ދެއްވުމަށް ފަހު ނުކުމެ ވަޑައިގެން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ރާއްޖޭގައި ފަނޑިޔާރުން އިންތިހާބު ކުރާ އުސޫލަށް ބަދަލު ގެނެސް އިންތިހާބަކުން ފަނޑިޔާރުން ހޮވާނަމަ ވާދަ ކުރުމުގެ ހިޔާލު އެބަހުރި ކަމަށެވެ.

އެގޮތަށް ހިޔާލު އައީ މިއަދު ބަޔާން ނެގުމަށް ސުޕްރީމް ކޯޓަށް ހާޒިރުކޮށް އެ ނެގި ވަގުތުގައި ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

" އެހެން ނިންމުމެއްވެސް އަޅުގަނޑު މިއަދު ނިންމައިފިން. ސުޕްރީމް ކޯޓުގެ އެތެރޭގައި މިވަރު ކުޑަކުޑަ ކަމެއްގައި ހާޒިރުކޮށް މިހާ ގިނައިރު އިންނަން ޖެހުނީމަ ހިތަށް އެރީ. ދުވަހަކުން ޒަމާނަކުންވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ޑިމޮކްރެޓިކް އުސޫލުން ރައްޔިތުން ވޯޓު ލައިގެން ހޮވާ ބަޔަކަށްވެއްޖެއްޔާ އަޅުގަނޑު އެދުވަހަކުން ކުރިމަތިލާނަން،" އަލީ ހުސައިން ވިދާޅުވި އެވެ.

މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރަންޖެހޭނީ ފަނޑިޔާރުންގެ ގާނޫނުގައި ބުނެފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ނަމެއް މަޖިލީހަށް ހުށަހަޅައި ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.