25 May 2010, 15:21
19:00
ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ޕީއޭ އިން ނުކުންނާނީ ޑީއާރުޕީއާއެކު ކޯލިޝަނެއްގެ ގޮތުގައި ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޕީއޭގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝަރީފް އިއްޔެ ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެއް ދާއިރާއަކަށް ދެ ޕާޓީން ވެސް ކުރިމަތިލައިގެން ގޮނޑި ގެއްލޭ ކަހަލަ ގޮތަކަށް ދެ ޕާޓީން ފުށުއަރާ ގޮތަށް ވާދަނުކުރާނެ ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި ކުރިމަތިލާނެ ދާއިރާތަކާއި ކުރިމަތިލާނެ މީހުން ކަނޑައެޅުމުގެ ވާހަކަތައް ޕާޓީގެ ތެރޭގައި ކުރިޔަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ހުރިހާ ކައުންސިލަކަށް ވާދަނުކުރާނެ ކަމަށާއި ވާދަކުރާނީ އެ ޕާޓީގެ ބާރު ހުރި ދިމަދިމާލަށް ކަމަށެވެ.
މިދިޔަ އަހަރުގެ ކުރީކޮޅު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ޕީއޭއިން ޑީއާރުޕީއާ އެކު ކޯލިޝަނެއް ހަދައިގެން، ޕީއޭއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހަތް ގޮނޑި ކާމިޔާބުކޮށްފަ އެވެ.
ޝަރީފު އިތުރަށް ވިދާޅުވީ މަޖިލިސް ތެރޭގައި އެ ޕާޓީގެ ބާރުގަދަކޮށް މަޖިލީހުގެ މަސައްކަތްތަކަށް ކުރިއެރުމެއް ލިބޭތޯ މަޖިލީހުގެ މެމްބަރުންތަކަކާ ވާހަކަދައްކަމުންދާ ކަމަށެވެ. ނަމަވެސް އެއީ ކޮންޕާޓީ އެއްގެ ކިތައް މެމްބަރުންނެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
މީގެ އިތުރުން ވެސް ޝަރީފު ވިދާޅުވީ އެމްޑީޕީން އެ ޕާޓީއާ އެކު ވާހަކަ ދެއްކުމަށް ދައުވަތު ދިން ކަމަށް ބުނެ ފަތުރައިގެން އުޅޭ ވާހަކަތަކަކީ އެމްޑީޕީން ފަތުރައިގެން އެޅޭ ހަގީގަތެއް ނެތް ވާހަކަ ތަކެއް ކަމަށާއި އެއްވެސް ކަމެއްގައި އެއްވެސް ލެވެލެއްގައި އެމްޑީޕީއާ އެކު ޕީއޭއިން މަޝްވަރާކޮށްފައިނުވާ ކަމަށެވެ.
ނަމަވެސް ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި އެޕާޓީގެ ވިސްނުމާ އެމްޑީޕީގެ ވިސްނުމާ އެއްގޮތްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.