04 Mar 2018, 17:58
އެސްޓީއޯގެ ހިންގާ ޤަވާޢިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙްތަކަށް ކޮމެންޓްކުރުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އެސްޓީއޯއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެސްޓީއޯގެ ހިންގާ ގަވާއިދަށް އިސްލާހުގެންނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ކޮމެންޓް ކުރުމުގެ މުއްދަތު މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން އެ ކުންފުނިން ކުރި އިއުލާނުގައިވާ ގޮތުން އިސްލާހު ތަކަށް ކޮމެންޓްކުރުމުގެ މުއްދަތު މިއަދު 16:00 އަށް ހަމަވާނެއެވެ.
އެސްޓިއޯއިން ހިންގާ ގަވާއިދަށް ގެންނަން ހިމަނާފައިވާ ބައެއް ބޮޑެތި އިސްލާހު ތަކުގެ ތެރޭގައި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމު އުފެއްދުމުގެ އިތުރުން ބޯޑު ޖަލްސާގެ ކޯރަމް، ކުންފުނީގެ އާންމު ހިއްސާދާރުން އިންތިހާބުކޮށްފައިވާ ޑިރެކްޓަރު ނުހިމަނައި ހަމަވާނެ ގޮތް ހެދުން ހިމެނެއެވެ.
ހިންގާ ޤަވާޢިދަށް ގެނައުމަށް އެސްޓީއޯގެ ބޯޑުން ހުށަހަޅާފައިވާ އިސްލާޙްތައް ވަނީ އެކުންފުނީގެ ވެބްސައިޓްގައި ޝާއިއު ކޮށްފައެވެ. އެ އިސްލާޙްތަކަށް ލިޔުމުން، އީމެއިލްއިން އަދި ފެކްސްގެ ޒަރިއްޔާއިންވެސް ކޮމެންޓްކުރުމުގެ ފުރުޞަތުވެސް އެ ކުންފުނިންވަނީ ހުޅުވާލާފައެވެ.