04 Mar 2018, 16:43
އިޓާލިއަން ސެރެއާ އޭގެ ފިއޮރެންޓީނާގެ ކެޕްޓަން، ޑާވިޑޭ އަސްޓޯރީ ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
އިޓަލީގެ ނޫހެއް ކަމަށްވާ 'އުޑީން ޓުޑޭ'އިން ބުނެފައިވަނީ އަސްޓޯރީ މަރުވެފައިވަނީ ފިއޮރެންޓީނާއިން އުޑިނޭސީއާ ދެކޮޅަށް އަންނަ އާދިއްތަ ދުވަހު ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ކޭމްޕު ކޮށްފައިވާ ލޭ ޑި މޮރެޓް ހޮޓެލްގައި ނިދައިފައި އޮއްވާކަމަށެވެ.
އުމުރުން 31 އަހަރު ޑިފެންޑަރު، އެސްޓޯރީގެ ކުއްލި މަރާ ގުޅިގެން ފިއޮރެންޓީނާއިންވަނީ ބަޔާނެއް ނެރެފައެވެ.
"ކެޕްޓަން އަސްޓޯރީގެ މަރާއެކު ފިއޮރެންޓީނާއަށް ގެނުވީ ޝޮކެއް. މި ނާޒުކު އަދި އުނދަގޫ ހާލަތުގައި އެސްޓޯރީގެ އާއިލާއާއެކު ކްލަބު ވަން. އަދި އެސްޓޯރީގެ މައުލޫމާތުތައް ފަތުރާއިރު ހުރިހާ މީޑިއާއަކުންވެސް ހާލަތާ ނުބައްދަލު ގޮތްގޮތަށް މައުލޫމާތު ނުފެތުރުން ވަރަށް ބޮޑަށް އެދެން،" ކްލަބުގެ ސްޓޭޓުމަންޓުގައިވެއެވެ.
އަންނަ އާދީއްތަ ދުވަހު އުޑިނޭސީއާ ދެކޮޅަށް ފިއޮރެންޓީނާ ކުޅުމަށް ހަމަޖެހިފައި އޮތް މެޗުވަނީ އެސްޓޯރީގެ މަރާ ގުޅިގެން، ކެންސަލްކޮށްފައެވެ.
އިޓަލީގެ ފުރަތަަމަ ޑިވިޝަން ކްލަބުތަށް ކަމަށްވާ އޭސީ މިލާނާއި ކަގިލިއޭރީ އަދި ރޯމާއަށްވެސް ކުރިން ކުޅެފައިވާ ޑިފެންޑަރު އެސްޓޯރީ ފިއޮރެންޓީނާއާ ގުޅިފައިވަނީ 2016 ވަނަ އަހަރުގައެވެ. އެޓީމާއެކު މޮޅު ކުޅުމެއް ދައްކަމުންދާ އެސްޓޯރީވަނީ އިޓަލީގެ ގައުމީ ޓީމަށްވެސް 14 މެޗު ކުޅެދީފައެވެ. އެސްޓޯރީވަނީ މި ސީޒަންގައިވެސް ފިއޮރެންޓީނާއަށް 28 މެޗު ކުޅެފައެވެ.