ޖަރުމަނުގައި މި ހަފްތާގައި ފަށާ އައިޓީބީ ބާލިން ފެއާ 2018އަށް ދާ ދިވެހީންގެ ތެރެއިން ވިސާ ހަމަނުޖެހެނީ އެންމެ ތިން މީހުންނަށް ކަމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވެއްޖެއެވެ.

ހާރިސް ވިދާޅުވީ، ވިސާ ހަމަނުޖެހުނު ފަރާތްތަކަށް އެ ގޮތް މެދުވެރިވީ ލިޔެކިޔުންތަކުގައި މައްސަލަ އުޅެގެން ކަމަށެވެ.

އައިޓީބީ ބާލިންއަށް ދާ ބައެއް ދިވެހީންނަށް ޖަރުމަނުން ވިސާ ނުދިންކަމަށް ބުނެ، މީޑިއާގައި ފެތުރި ޚަބަރާ ގުޅިގެން ހާރިސް "ސަން"އަށް ވިދާޅުވީ، ޝެންގެން ވިސާ ދޫކުރަނީ ވަކި މިންގަނޑަކާއި ލިޔެކިޔުންތަކަކަށް ބަލައިގެން ކަމަށެވެ.

"މިފަހަރު ދާ 104 އިންޑަސްޓްރީ ޕާޓްނަރުންނާ އެކު 300 އަށް ވުރެ ގިނަ މީހުންނަށް ރާއްޖެއިން ޖަރުމަނަށް ދިއުމަށް ވިސާ ލިބިފައިވަނީ. ޑޮކިއުމެންޓޭޝަން ނުބައިކޮށް ހުށަހެޅި ބަޔަކަށް ވިސާ ނުލިބި ވާނީ،" ހާރިސް ވިދާޅުވިއެވެ.

ހާރިސް ވިދާޅުވި ގޮތުގައި، ވިސާ ނުލިބޭ ތިން ފަރާތަށް އެގޮތް މެދުވެރިވީ ބޭންކް ސްޓޭޓްމެންޓުގައި މައްސަލައެއް އޮވެ، ނުވަތަ ހޮޓެލް ބުކިންގް ކެންސަލް ވެގެންނެވެ.

"ބައެއް ފަރާތްތަކުން ވާހަކަ ދައްކަނީ މިއީ ޚާރިޖީ ގޮތުން މައްސަލައެއް ދިމާވެގެން ވީ ގޮތެކޭ. އެއްގޮތަކަށްވެސް އެހެނެއް ނޫން. މިއީ ރާއްޖެއާ ޔޫރަޕިއަން ޔޫނިއަނާ ދެމެދު މައްސަލައެއް ޖެހިގެން ހިނގައިގެން އުޅޭ ކަމެއް ނޫން،" ހާރިސް ވިދާޅުވިއެވެ.

އައިޓީބީ ފެއާގައި ބައިވެރިވާ ދިވެހީން މިހާރު ޖަރުމަނަށް ފުރަން ފަށާފައިވާ އިރު، އެމްއެމްޕީއާރުސީގެ ޓީމު މިރޭ ޖަރުމަނަށް ދިއުމަށް ފުރާނެކަމަށް ހާރިސް ވިދާޅުވިއެވެ.