މަތީތައުލީމުގެ 500 ލޯނުގެ ފުރުސަތަށް ކުރިމަތިލުމަށް ޑިޕާޓްމަންޓް އޮފް ހަޔާ އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ.

ހަޔާ އެޑިއުކޭޝަނުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނީ މަތީ ތައުލީމުގެ ލޯނަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 ން ފެށިގެން ފެންވަރު 10ގެ ކޯސްތަކުގެ އިތުރުން ޕައިލެޓް ލައިސަންސްގެ ކޯހަށް ކަމަށެވެ.

ލޯނަށް އެދުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 29 އާ ހަމައަށެވެ. ލޯނަށް އެދެން ބޭނުންވާނަމަ ހަޔާ އެޑިއުކޭޝަންގެ ވެބްސައިޓް މެދުވެރިކޮށްވެސް ފޯމް ހުށަހެޅޭނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

ލޯން ސްކީމްގެ ދަށުން ޕައިލެޓް ސްޓަޑީޒް ލައިސަންސް ކޯހަށް، ލެވަލް 5، 6، 7، 8، 9 އަދި ލެވެލް 10ގެ ސެޓްފިކެޓް ހާޞިލްކޮށްފައިވާ ފަރާތްތަކަށް ކުރިމަތި ނުލެވޭނެކަމަށްވެސް ހަޔާ އެޑިއުކޭޝަނުން ބުންޏެވެ.

ހަޔާ އެޑިއުކޭޝަނުން ހުޅުވާލި ލޯނު ސްކީމްގެ ދަށުން، ރާއްޖޭގެ ޔުނިވާސިޓީތަކުގައި ކިޔެވުމަށް 300 ފުރުސަތު ހުޅުވާލިއިރު، ރާއްޖެއިން ބޭރުގައި ކިޔެވުމަށް ވަނީ 200 ފުރުސަތު ހުޅުވާލައިފައެވެ.

ރާއްޖެއިން ބޭރުގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ ސާކްގެ ގައުމުތަކާއި ޗައިނާ، ފިލިޕިންސްގެ އިތުރުން ތައިލެންޑާއި އަދި މެލޭޝިއާގެ ޔުނިވާސިޓީގެ ގައުމުތަކުގައި އެކަންޏެވެ.