23 Aug 2011, 12:54
ވަޒީރުންގެ މަޖިލީހުގެ މިއަދު ޖަލްސާގެ މަސައްކަތު ބައްދަލުވުން މިއަދު 11.30 ގައި ގދ. ތިނަދޫގައި ފައްޓަވައިފި އެވެ.
އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންގެ އިތުރުން، ބައެއް ސްޓޭޓް މިނިސްޓަރުންނާއި ނައިބުންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި ހުވަދުއަތޮޅު އުތުރުބުރި އާއި، ހުވަދުއަތޮޅު ދެކުނުބުރީގެ އަތޮޅު ކައުންސިލްތަކުގެ މެންބަރުންނާއި ރަށްރަށުގެ ކައުންސިލުތަކުގެ ރައީސުންނާއި ސަރަޙައްދުގެ ކޯޕަރޭޝަންތަކުގެ ޑިރެކްޓަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
އެ ޖަލްސާ ހިނގަމުންދަނީ، ތިނަދޫ އާބާދީ މަރުކަޒުގައެވެ.
މިއަދު ހެނދުނުގެ މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވަމުން ގެންދަވަނީ، ތިނަދު އާއި މަތި ދެކުނު ސަރަޙައްދުގައި ހިންގުމަށް ރާއްވަވާފައިވާ މަޝްރޫޢުތަކާ ބެހޭ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ތިނަދު އަށް ވަޑައިގަތީ މިއަދު 11 ޖަހާއެހާކަންހާއިރު އެވެ.
ރައީީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ މާލެ އިން 32 ވަރަކަށް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ޖަލްސާ އަށް ހަރަދު ވާނީ އެއްލައްކަ ވަރަކަށް ރުފިޔާ ކަމަށެވެ.