ނަވާރަ ސަތޭކަ ހަތްދިހަ ނުވަ ވަނަ އަހަރުން ފެށިގެން އީރާންގެ އަންހެނުންނަށް ފުޓުބޯޅަ ދަނޑުތަކަށް ވަނުން މަނާ ކޮށްފައި އޮތް އޮތުން، ވަރަށް އަވަހަށް ނިމޭނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފެންޓީނޯ ވިދާޅުވެއްޖެއެވެ.

އީރާންގެ ފުޓުބޯޅައިގެ ހާލަތާ ގުޅިގެން އެގައުމަށް ކުރެއްވި ޒިޔާރަތުގައި އިންފެންޓީނޯވަނީ އީރާން ލީގުގެ ގަދަ ދެ ބާރު ކަމުގައިވާ އެސްތެގްލާލާއި ޕަރެސެޕޯރީސް ވާދަކުރި މެޗު ބައްލަވާލެއްވުމަށް ސްޓޭޑިއަމަށް ވަޑައިގެންފައެވެ.

އީރާންގައި އަންހެނުންނަށް މެޗުތަކަށް ނުވަދެވޭ ގޮތަށް އޮތް އޮތުން ފީފާގެ ރައީސްގެ ސަމާލުކަމަށް ގަނައުމަށްޓަކައި އެ މެޗު ބެލުމަށް ބައެއް ކަނބަލުން ދިޔުމުން ސްޓޭޑިއަމްގެ ސަލާމަތީ ކަންކަން ބަލާ ފަރާތްތަކުންވަނީ އެ މީހުން ހައްޔަރުކޮށްފައެވެ.

އިންފެންޓީނޯ ވިދާޅުވެފައިވަނީ މިދިޔަ ހުކުރު ދުވަހު އީރާންގެ ރައީސް ހަސަން ރޫހާނީއާ ބައްދަލުވެ އީރާން އަންހެނުން ދަނޑަށް ވަނުން މަނާ ކުރާ މައްސަލައާ ގުޅިގެން މަޝްވަރާ ކުރެއްވެވި ކަމަށެވެ. އެގޮތުން އެގައުމުގެ ރައީސް، ރޫހާނީގެ ވިސްނުން މިވަގުތު ހުރީ އަންހެނުންނަށް ދަނޑަށް ނުވަދެވޭ ވިސްނުން ދޫކޮށްލުމަށް ކަމަށާއި، އެކަމަށް ރޫހާނީ ފުރިހަމަ ޔަގީންކަން ދެއްވި ކަމަށްވެސް އިންފެންޓީނޯ ވިދާޅުވިއެވެ.

ނޫސްވެރިންނާ އިންފެންޓީނޯ މައުލޫމާތު ހިއްސާކުރައްވަމުން ގެއްދެވި ގަޑީގައި އަންހެނުން ދަނޑަށް ވެއްދުމަށް ބާރު އަޅަނީ ކިހާވަރަކަށްތޯ ނޫސްވެރިއަކު އޭނާ ކައިރިން ސުވާލުކުރުމުން ނޫސް ކޮންފަރެންސްގެ ލައިވް ފީޑް އެގައުމުގެ ގައުމީ ޓީވީން ކަނޑާލި ކަމަށްވެސް ހަބަރުތައް ބުނެއެވެ.

އިންފެންޓީނޯ ވިދާޅުވީ، މި ދަނޑިވަޅުގައި އީރާނަށް ޒިޔާރަތް ކުރެއްވިއިރުވެސް މައްސަލައިގެ ނާޒުކުކަން އެނގޭ ކަމަށާއި، އެހެން ނަމަވެސް ބޭނުންވީ ހައްގުތައް ގެއްލިފައިވާ ބަޔަކަށް އެކަންކަން ފަހިކޮށްދޭން ކަމަށެވެ. އީރާނުން ރަސްމީ ސިފައެއްގައި ފީފާއަށް އިޖާބަ ނުދީފި ނަމަ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް އިންފެންޓީނޯވަނީ އިންޒާރުކޮށްފައެވެ.

އަންނަ ޖޫން މަހު އޮންނަ ފީފާ ވޯލްޑް ކަޕުގައިވެސް ކުޅުމަށް އީރާނުން ތައްޔާރުވަމުންދާއިރު، ފީފާއިންވަނީ މީގެ ކުރިންވެސް އީރާންގައި އަންހެނުން ފުޓުބޯޅަ ދަނޑުތަކަށް ނުވައްދާ މައްސަލަތަކާ ގުޅިގެން އެގައުމުގެ ސަރުކާރާ ވާހަކަ ދައްކައިފައެވެ. 2013 ވަނަ އަހަރު ފީފާގެ ރައީސް ކަމުގައި ހުރި ސެފް ބްލެޓާ އެ އަހަރު އިރާނަށް ކުރެއްވި ދަތުރުފުޅުގައިވެސް އިރާނުން އަންހެނުން މެޗުތައް ބެލުމަށް ސްޓޭޑިއަމްތަކަށް ވައްދާނެ ކަމަށް ބުނި ނަމަވެސް އެކަން އަމަލީ ގޮތެއްގައި ފެނިފައެއް ނުވެއެވެ.