މުނިފޫހިފިލުވައި ދިނުމުގެ ޕްރޮގްރާމްތައް ގެނެސްދޭ ރާއްޖޭގެ ޗެނަލް، އައިސް ޓީވީ (ޗެނަލް 100) އިން ފުރަތަމަ ފަހަރަށް އޮސްކާ އެވޯޑް ލައިވްކުރަން ނިންމައިފި އެވެ.

ނުވަދިހަ ވަނަ އޮސްކާ އެވޯޑު ހަފްލާ ރާއްޖޭ ގަޑިން މާދަމާ ހެނދުނު ހައެއް ޖަހާއިރު މީޑިއާ ނެޓް މެދުވެރިކޮށް ދައްކާނެ ކަމަށް އައިސް ޓީވީ އިން ބުންޏެވެ.

އައިސްޓީވީގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ އޮސްކާ އެވޯޑުގެ ރެޑްކާޕެޓު އިވެންޓު މިރޭ ފަތިހު 4:30ގައި ލައިވް ކުރާނެ ކަމަށެވެ. އަދި އެވޯޑު ހަފްލާ ވެސް ހެނދުނު ހައެއް ޖަހާއިރު ދައްކާނެ ކަމަށާއި އިވެންޓްގެ ރިޕީޓު މާދަމާ ރޭ 8:30ގައި ދައްކާނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

"ޒަމާނުއްސުރެ ރާއްޖެއަށް ލައިވްކޮށް އޮސްކާ ލައިވްކުރަން ނުލިބޭ، ވަރަށް ގިނަ ބައެއްގެ އެދުމާ އެކު ރައިޓްސް ހޯދައިގެން މި ލައިވްކުރަނީ،"

އޮސްކާގެ ނޮމިނޭޝަންސް އަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރި ފެންޓަސީ ތްރިލާ ފިލްމު ދަ ޝޭޕް އޮފް ވޯޓާ އެވެ. އެ ފިލްމު ވަނީ 13 ނޮމިނޭޝަންގައި ހިމެނިފަ އެވެ.

މި ހަފްލާގެ ތެރެއިން ފެންނާނެ ހާއްސަ ކަންތައްތަކަށް ބަލާ އިރު ޖިންސީ ފުރައްސާރައާ ދެކޮޅަށް ހޮލީވުޑުގައި ކުރިއަށްގެންދާ "މީޓޫ" ކެމްޕެއިނުގެ ހަރަކާތްތައް ފެންނާނެ އެވެ.

ޑޮލްބީ ތިއޭޓާގައި ބާއްވާ އޮސްކާ ހަފްލާ މިފަހަރުވެސް ހޯސްޓްކޮށްދޭނީ ޖިމީ ކިމެލް އެވެ.