ހުސްވި އަހަރުގެ އޭލެވެލް އިމްތިހާނުން އެެންމެ ރަނގަޅު ނަތީޖާ ހޯދި ތިން ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި މިދިޔަ އަހަރުގެ އެންމެ މޮޅު ނަތީޖާ ހޯދައިގެން ސަރުކާރުން ދެއްވާ ސްކޮލަރޝިޕް އެކުދިންނަށް ލިބުމުން އެކަމަށް ރައީސް ވަނީ އެ ތިން ދަރިވަރުންނަށް މަރުހަބާ ދަންނަވައިފައެވެ.

ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގައި ތަޢުލީމު ހާސިލުކުރި ނަމަވެސް ގައުމުގެ ހާލަތާ މެދު ވިސްނުމަށާއި، ގައުމަށް ބޭނުންތެރިވާނެ ކަންތައްތަކާމެދު ވިސްނައި އެކަންތައްތައް މަގުފަހިކުރެވޭނެ ގޮތްތައް ހޯދުމަށް ރައީސް ވަނީ އެ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ޤައުމަށް ވަފާތެރިވުމަށާއި ގައުމުގެ ނަމަށް ހުތުރުވާފަދަ ކަންތައްތަކަށް ވާގިދޭ ފަދަ އެއްވެސް ކަމެއްނުކުރުމަށް ރައީސް ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް ބޭނުންވަނީ ކިޔަވައިގެން ތިބި ދިވެހި ކުދިންކަމަށް ވިދާޅުވެ ރައީސް ވަނީ ތިން ކުދިންވެސް ކިޔަވައި ނިމިގެން ސަރުކާރަށް ޚިދުމަތްކުރުމަށް އިސްކަންދިނުމަށް އެދިވަޑައިގެންފައެވެ.

އޭލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދި ތިން ދަރިވަރުން--- ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އާއިޝަތު ޝިހާމް ބައިވެރިވެވަޑައިގެންނެވިއެވެ.

އޭލެވެލް އިމްތިހާނުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށް އެވޯޑު ދިނުމުގެ ހަފްލާ މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.