ހދ. ނޮޅިވަރަމްގައި ހުކުރު ދުވަހުގެ ފަތިހު ދަންޖެހިފައި ހުއްޓާ ފެނުނު އެ ރަށު މަންޒަރު ޝާހިދާ އަލީގެ ހަށިގަނޑު އަދި ވެސް އޮތީ މޯޗަރީގައި ކަމަށާއި އޭނާގެ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް އެއް ހެދުމަށް ތައްޔާރުވަމުންދާކަން "ސަން"އަށް އެނގިއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގިފިލީގަ އެވެ. އަދި އޭނާއަކީ ނަފްސާނީ ބައްޔެއް ހުންނަ މީހެއް ކަން ވަނީ އެނގިފަ އެވެ.

ޝާހިދާގެ ހަށިގަނޑު އެންމެ ފުރަތަމަ ފުލުހުންގެ ބެލުމުގެ ދަށުން ގެންދިޔައީ އެ އަތޮޅު ކުޅުދުއްފުއްޓަށެވެ. އަދި ފަހުން ހުކުރު ދުވަހުގެ ރޭ އޭނާގެ ހަށިގަނޑު ވަނީ މާލޭ ގެނެސްފަ އެވެ.

ހުކުރު ދުވަހުގެ ރެއިން ފަށައިގެން ޝާހިދާގެ ހަށިގަނޑު އޮތީ މޯޗާރީގަ އެވެ. ފުލުހުން މިހާރު ދަނީ އޭނާގެ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް އެއް ހެދުމަށް ތައްޔާރު ވަމުންނެވެ. އެކަން އާއިލާއަށް އަންގާފައިވާކަން ވަނީ އެނގިފަ އެވެ.

ނަމަވެސް ފުލުހުންގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

ފުލުހުން މީގެ ކުރިން ބުނީ ޝާހިދާގެ ހަށިގަނޑު މާލެ ގެނެސް ތަހުގީގުކުރަން ނިންމީ ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި އެ މައްްސަލައާ ގުޅިގެން ފުލުހުން ވަނީ ޝާހިދާގެ ފިރިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ޝާހިދާ ދަންޖެހިފައި ހުއްޓާ ފުރަތަމަ ފެނުނީ އޭނާގެ ފިރިމީހާ އަށެވެ.

ޝާހިދާއަކީ ދާދި ފަހުން އެ ރަށުން ގެއްލިގެން ފުލުހުން ހޯދި އަންހެން މީހާ އެވެ. އެފަހަރު އޭނާ ފެނުނީ ގެއްލުނުތާ ދެ ދުވަސް ފަހުންނެވެ. އޭނާގެ ދަރިންވެސް ތިބެ އެވެ.