23 Aug 2011, 12:48
"ސާކް ބްރޯޑް ކާސްޓިން ޑޭ"ގެ ގޮތުގައި ދުވަހެއް ފާހަގަ ކުރަން އަންނަ ނޮވެމްބަރު މަހު ރާއްޖޭގައި ބާއްވާ ސާކް ސަމިޓަށް ރާއްޖޭގެ ފަރާތުން ހުށަހަޅައި ދިނުމަށް އެދި މޯލްޑިވްސް ބްރޯޑް ކާސްޓިން ކޮމިޝަނުން ސަރުކާރަށް ހުށަހަޅައިފި އެވެ.
އެ ކޮމިޝަނުން ބުނީ ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި "ސާކް ބްރޯޑް ކާސްޓިން ޑޭ" ފާހަގަ ކުރުމާ ގުޅޭގޮތުން އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ކޮންސެޕްޓް ކަރުދާހެއް ފޮރިން މިނިސްޓަރު އަހުމަދު ނަސީމަށް އަރުވާފައި ވާނެ ކަމަށެވެ. އޭގެ ސަބަބުން ގައުމުގެ ބިނާކުރުމުގައި ބްރޯޑް ކާސްޓަރުންގެ ހިއްސާ އިތުރުވެ، ސާކް ސަރަހައްދުގައި ސުލްހަ މަސަލަސްކަން ގާއިމްވެ މުޖުތަމަޢު ބިނާކުރުމުގައި ބްރޯޑްކާސްޓަރުންގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށް އެކޮމިޝަނުން ދެކޭ ކަމަށް ވެސް ބުންޏެވެ.
ކޮމިޝަނުން ބުނަނީ ސާކް ބްރޯޑް ކާސްޓިން ދުވަހެއް ދުވަހެއް ފާހަގަ ކުރަނީ ބްރޯޑްކާސްޓިން ދާއިރާއިން ސާކުގެ ގައުމުތަކުގެ މެދުގައި އެއްބާރުލުން ދިނުމާއި އުފެއްދުންތެރި އާ ޚިޔާލުތަކާއި އެކުވެރިކަން ގާއިމްކޮށް، އެ ދާއިރާގައި ކުރިއަރާފައިވާ ގައުމުތަކަކަށް ހެދުމަށް ކަމަށެވެ. އަދި ސާކް ގައުމުތަކުގެ ބްރޯޑްކާސްޓަރުންގެ މެދުގައި ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ތަނަވަސްކޮށް މަޢުލޫމާތު ހިއްސާ ކުރުމާއި "ސާކް އޯޑިއޯ ވިޝުއަލް އެކްސްޗޭންޖް" ޕްރޮގްރާމް އިތުރަށް ތަރައްގީކުރުން ހިމެނޭ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.