04 Mar 2018, 13:14
ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވައްސާ ގުޅުވާލާނެ ބުރިޖްތައް ހަދައިދޭނެ ބަޔަކު ހޯދުމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބީލަމަށް ހުޅުވާލައިފި އެވެ.
އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މިއީ ސައުދީ ފަންޑު ފޯ ޑިވޮލޮޕްމަންޓުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާއި އަދި ބްރިޖްތައް ހެދުމަށްް ބޭނުންވާ ފަރާތްތަކުން އަންނަ މަހު 15 އިގެ ކުރިން ބިޑް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅާލުމަށް ފަސް ބްރިޖެއް ހެދުމަށް ވަނީ ހަމަޖެހިފާވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިމަހު 15ގެ ކުރިން 1500 އެމެރިކާ ޑޮލަރު ދެއްކުމުން، ބިޑަށް ކުރިމަތިލުމަށް ބޭނުންވާ ލިޔެކިޔުންތައް ދޫކުރާނެ ކަަމަށެވެ.
ބިޑް ހުށަހަޅާ އިރު ބިޑް ސެކިޔުރިޓީގެ ގޮތުގައި 200،000 އެމެރިކާ ޑޮލަރު ހުށަހަަޅަން ޖެހޭނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
ޔޫތު ސިޓީގެ ގޮތުގައި ހަދަމުންދާ ހުޅުމާލޭގެ މަގުހެދުމުގެ މަސައްކަތްތައް ވެސް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ.