މާލޭ ލީގުގެ ދެވަނަ ހަފްތާގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް ވާދަކޮށް، މެޗު ނިމުނީ 2-2ގެ ނަތީޖާއަކުން މެޗު އެއްވަރު ވެގެންނެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ޓީމުގެ ފަރާތުން ފެނުނީ ވަރުބަލިކަން ނޫން ކަމަށާއި މެޗުގައި ޓީސީގެ ފެށުން ދަށްވީ ކަމަށެވެ.

"ވަރުބަލި ކަމެއް ނޫން. ހަމަ ދަށްކޮށް ފެށި ދުވަހެއް. އޭގެ ނަތީޖާ މެޗުގައި އެއްވަރުވުމަކީ. ދެން ފުރަތަމަ ވަން ގޯލައަކީ ވެސް ހެދުނު ވަރަށް ބޮޑު ގޯހެއް. ފަރިތަކުރުންތަކުގައި ވެސް ވަރަށް ގިނައިން ކިޔައިދީފައި އޮތް އެއްޗެއްގެ ބޮޑު ގޯހެއް،" ނިޒާމްބެ ބުންޏެވެ.

މި ސީޒަންގެ ލީގުގައި ޓީސީއަށް އަދި މޮޅެއް ލިބިފައިނުވާ އިރު، ފުރަތަމަ މެޗުގައި ޓީސީ ބަލިވީ ނިއު އަތުންނެވެ. އިއްޔެގެ މެޗުގައި ފުރަތަމަ ގްރީނުން ލީޑު ނަގާފައިވަނިކޮށް ޓީސީން ނަތީޖާ އަނބުރާލި ނަމަވެސް މެޗުން ޓީސީ އެއްވަރުވީ ފަހު މިނެޓުގައި ގްރީންގެ އަހުމަދު ރިލުވާން ޖެހި ގޯލުންނެވެ.

"ގޯލް ޖެހުމަށް ފަހު ވެސް އޯގަނައިޒް ނުކުރެވިގެންދިޔައީ. ހަމަ ފަސޭހަކޮށް ފެއްޓީމަ މުޅި މެޗުގައިވެސް އެތަން މި ދެއްކީ،" ނިޒާމްބެ އިތުރަށް ބުންޏެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިހާތަނަށް ސީޒަންގައި ގްރީނުން ކުޅުނު ދެ މެޗުގައި ވެސް ފަހުވަގުތު އެއްވަރުވެފައިވާ އިރު، މެޗަށް ފަހު ކޯޗުު އަލީ ސުޒޭން ބުނީ ޓީސީން މޮޅަށް ކުޅުނު ކަމަށާއި މެޗުގައި ގްރީންގެ މުހިއްމު ކުޅުންތެރިންނަށް އަނިޔާވެ ބަދަލުކުރަން ޖެހުމުން އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ.

"ޓީސީ ވަރަށް ރަނގަޅަށް ކުޅުނު މެޗުގައި. ހާއްސަކޮށް ދެވަނަ ހާފް ފެށިގެން ފުރަތަމަ ވިއްސަކަށް މިނެޓްގައި ޓީސީ ހަމަވަރަށް ރަނގަޅު. އަނިޔާވެގެން ޑިފެންޑަރު ސައިފް ބާލަން ޖެހުންް ވެގެންދިޔައީ ފޫ ނުބެއްދޭވަރުގެ ގެއްލުމެއް،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ހަތަރު ޕޮއިންޓް ގެއްލުމުން ހިތްހަމަ ނުޖެހުނަސް، ދެ މެޗުގައި ވެސް ފަހުވަގުތު ގޯލް ޖަހައި އެއްވަރުކޮށް، ދެ ޕޮއިންޓް ސަލާމަތް ކުރެވުނީތީ އުފާކުރާ ކަމަށެވެ.

"ހަތަރު ޕޮއިންޓް ގެއްލުމުން ހިތްހަމައެއް ނުޖެހޭ. އެކަމަކު ޕޮއިންޓެއް ނުލިބުމަށްވުރެ މިގޮތަށް ދެ ޕޮއިންޓް ލިބުމުންވެސް ހިތް ހަމަ ޖެހޭ،" ސުޒޭން ބުންޏެވެ.

ޓީސީއަކީ މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެސިޑެންޓްސް ކަޕްގެ ވެސް ރަނަރަޕް ޓީމެވެ. މި އަހަރުގެ އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ސައިފް އެސްސީ ދެ ލެގުގައި ވެސް ބަލިކޮށް ޓީސީން ކޮލިފައިން ބުރަށް ދަތުރުކުރި ނަމަވެސް އެޓީމުގެ އޭއެފްސީ ކަޕްގެ ދަތުރު ނިމުނީ ބެންގަލޫރު އެފްސީ އަތްދަށު ވެގެންނެވެ.

ގްރީން ސްޓްރީޓްސްއަށް އަދި ސީޒަންގައި މޮޅެއް ލިބިފައިނުވި ނަމަވެސް، ވަރުގަދަ ދެ ކްލަބު ކަމަށްވާ ޓީސީއާއި މަޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅެ އެޓީމުވަނީ ދެ ޕޮއިންޓް ހޯދައިފަ އެވެ.